ޚަބަރު

އަލްހާންގެ ކެމްޕެއިން އިވެންޓަށް މަސްވެރިންގެ ޕާކު ނުދިން މައްސަލަ ކުށްވެރިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޖުމްހޫރީ ޕާޓީގެ ފަރާތުން ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީގެ ކެމްޕެއިން ހަފްލާއެއް ބޭއްވުމަށް، މާލޭ ސިޓީކައުންސިލުން މަސްވެރިންގެ ޕާކް ދޫ ނުކުރި ކަމަށްބުނެ އަލްހާން ފަހުމީގެ ކެމްޕެއިން އޮފީހުން އެކަން ކުށްވެރި ކޮށްފިއެވެ.

އަލްހާންގެ ކެމްޕެއިން އޮފީހުން ބުނީ، "އެއްބަޔަކު އަނެއްބަޔަކަށް" ނަމުގައި، މާދަމާރޭ އެ ސަރަހައްދުގައި އަލްހާންގެ ކެމްޕެއިން ހަފްލާ ބޭއްވުމަށް އިސްކޮށް ހަރަކާތްތެރިވާ، ހ.ތެމާގެ މުހައްމަދު ޝިފާއު އަށް މާލޭ ސިޓީކައުންސިލުން ފޮނުވާފައިވާ ސިޓީގައި، އެސަރަހައްދަކީ މިހާރު ޑިވެލޮޕްކުރުމުގެ މަސައްކަތަށް ބޭނުންކުރަމުންދާ ސަރަހައްދަކަށްވާތީ އެ ސަރަހައްދު ދޫކުރެވެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް އެ ސަހައްދު ބަންދު ކޮށްފައިނުވާތީ އެސަހައްދު ލިބޭތޯ މާލޭ ސިޓީކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާހު ޝަރީފްއާ ކެމްޕެއިންޓީމުން ވާހަކަ ދެކުމުން، މިހާރު އެ ސަރަހައްދަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ތަނެއް ނޫންކަމަށާއި، އެއީ ޕްލޭނިންގ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާތަނެއްކަމަށް ޑިޕިއުޓީ މޭޔަރު ވިދާޅުވިކަމަށްވެސް އެޓީމުން ބުންޏެވެ.

"ޝަމާހު ވިދާޅުވީ، އެ ސަރަހައްދު ތަރައްގީ ކުރުމަށް، މިހާރު އެ ސަރަހައްދަކީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ތަނެއްކަމަށް. ދެން އަޅުގަނޑުމެން ޕްލޭނިންގ މިނިސްޓްރީއާ ވާހަކަ ދެއްކުމުން ކަމާބެހޭ ސެކްޝަނުން ބުނީ އެއީ މާލޭ ސިޓީކައުންސިލްގެ ދަށުގައި އޮންނަން ތަނެއް ކަމަށާއި، އެތަނުގެ ހުއްދަ ދެވޭނީ މާލޭ ސިޓީކައުންސިލަށޭ، އަދި އެސަރަހައްދުގައި ހިންގި ގާޑިޔާތައް ހުސް ކުރުމަށް މާލޭ ސިޓީކައުންސިލުން އިއުލާން ކޮށްފައިވަނީ އެހެންވެގެންނޭވެސްބުނި،" އަލްހާންގެ ކެމްޕެއިންއޮފީހުން ބުންޏެވެ.

ކެމްޕެއިން އޮފީހުން ބުނީ އެކަމުގައި ދެވަނަ ފަހަކަށް ޑެޕިއުޓީ މޭޔާރާ ބައްދަލު ކުރުމަށް ކެމްޕެއިން އޮފީހުގެ ފަރާތުން ދިޔަމީހުން މާލޭ ސިޓީކައުންސިލްގައި ހަތަރުވަރަކަށް ގަޑިއިރު ހޭދަކުރަބްޖެހުނު ކަމަށާއި، މަސްވެރިންގެ ޕާކު ދެވޭނީ މާލޭ ސިޓީކައުންސިލްގެ މޭޔަރަށް ކަމަށް ޑިޕިއުޓީ މޭޔަރު ފަހުން ވިދާޅުވިކަމަށެވެ. ނަމަވެސް މާލޭ ސިޓީކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާ ގުޅައިގުޅައި ފޯނު ނުނެންގެވިކަމަށް ކެމްޕެއިން އޮފީހުން ބުންޏެވެ.

ކެމްޕެއިން އޮފީހުން ބުނީ އެ މައްސަލައިގައި ފުލުހުންނާވެސް ވާހަކަ ދެއްކި ކަމަށެވެ. އަދި އެކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ފުލުހުން ބުނި ނަމަވެސް އެތާ ހަފްލާ ބޭއްވޭނީ ސިޓީކައުންސިލްގެ ހުއްދަލިބިގެންކަމަށް ބުނެފައިވާ ކަމަށެވެ.

"އެކަމުގައި އަޅުގަނޑުމެން ފުލުހުންނާވެސް ވާހަކަ ދެއްކިން. ފުލުހުން ބުނީ އެތަން ބަނދުކޮށް ފެންސް ޖަހަން ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރުންފެށިގެންކަމަށް. އެހެންކަމުން މާދަމާރޭ އެތަނުގައި ހަފްލާ ބޭއްވޭނެ ކަމަށާއި، ހުރިހާކަމަކަށް އެއްބާރުލުންދޭނެކަމަށް ފުލުހުން ބުނި. އަދި އެތާ އިވެންޓް ބާއްވައިފިއްޔާ މަގު ބަންދު ކުރަން ނުޖެހި ޓްރެފިކް ބަލަހައްޓަން ފަސޭހަ ވާނެ ކަމަށްވެސް ބުނި. ނަމަވެސް އެތަނުގައި އެކަން ކުރެވޭނީ މޭޔަރު ހުއްދަދީގެންތާ،"

ކެމްޕެއިން އޮފީހުން ބުނީ މަސްވެރިންގެ ޕާކު ނުލިބުމުން ސޯސަންމަގު ކަންމަތީގައި، ދަރުމަވަންތަ ސްކޫލް ކުރިމަތިން އޮންނަ ތަން ދިނުމަށްވެސް އެދުނުކަމަށެވެ. ނަމަވެސް އެތަންވެސް ނުދިން ކަމަށާއި، އެންމެ ފަހުނން އެހަރަކާތަށް ދީފައިވަނީ، ކާނި ގޯޅި ކަމަށާއި އެއީ އެފަދަ ހަރަކާތެއް ބޭއްވުމަށް އެކަށީގެންވާ ތަނެއްނޫން ކަމަށެވެ.

އަލްހާންގެ ކެމްޕެއިިން އޮފީހުން ބުނީ، މިފަދަ ކަންކަން ކުރުމަކީ، މިނިވަން، އިންސާފުވެރި، ހަމަހަމަ ފުރުސަތުދޭ އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅޭފަދަ ކަންކަން ކަމަށާއި މިއީ މިނިވަންކަމާއެކު ސިޔާސީ ހަރަކާތް ހިންގުމުގެ ޖާގަ ދެއްވާނެކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވައިވާ ވިދާޅުވުމާވެސް ހިލާފުކަމެއް ކަމަށެވެ.

އެހެންކަމުން އެފަދަ ކަންކަން ނުކުރުމަށް މާލޭ ސިޓީކައުންސިލްގެ މޭޔަރަށް އަލްހާންގެ ކެމްޕެއިން އޮފީހުން ވަނީ ގޮވާލައިފައެވެ.