ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް އަންނަ މާޗު މަހު ބާއްވަން ނިންމައިފިއެވެ.
އެ ކޮންފަރެންސްއާ ގުޅޭ މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، އެ ކޮންފަރެންސް އޮންނާނީ އަންނަ މާޗު މަހުގެ 18 އިން 20 އަށް ކަމަށާއި ކުރިއަށް އޮތް ކޮންމެ އަހަރަކުވެސް އެ ކޮންފަރެންސް ބާއްވާނެ ކަމަށެވެ.
އިމްރާން ވިދާޅުވީ، އެ ކޮންފަރެންސަކީ ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ދިނުމަށް ކުރާ މަސައްކަތަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެ ކޮންފަރެންސްގެ ސަބަބުން ރައްޔިތުންނާއި އިލްމީ ބޭފުޅުންގެ ލަފައާއި މަޝްވަރާގެ ލިބި ފުލުހުންގެ ސިޔާސަތުތައް ކަނޑައެޅިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުންނަކީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކަށް ޖަވާބުދާރީވާންޖެހޭ ބަޔަކަށްވާއިރު، އެ ކޮންފަރެންސްގެ ސަބަބުން ފުލުހުންނަށް ހިދުމަތް ދިނުމުގައި އެންމެ ރަނގަޅު ގޮތްތައް އެނގިގެންދާނެ ކަމަށެވެ. އަދި ޒަމާންވީ ކުށްތަކާއި އަލަށް ތައާރަފުވާ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި އަމަލުކުރަން ޖެހޭނެ ފުރިހަމަ ގޮތްތައްވެސް ރައްޔިތުންނާއި އިލްމީ ބޭފުޅުންގެ ހިޔާލާއެކު އެނގިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފުރަތަމަ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ކޮލެޖު ޔުނިވާސިޓީތަކުންނާއި ފުލުހުންގެ ހިދުމަތާއި ދިރާސާ ކުރާ ފަރާތްތަކާއި އާންމު ރައްޔިތުންނާއި ހޯމް މިނިސްޓްރީން ބައިވެރިވެރިވާނެއެެވެ.