މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ބަސް ޑްރައިވަރުން ހޯދަން ވޯކް-އިން އިންޓަވިއުއެއް ބާއްވަން ނިންމައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، ވޯކް-އިންޓަވިއު އޮންނާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް އެމްޓީސީސީ ހެންވޭރު ފެރީ ޓާމިނަލުގައި ކަމަށެވެ. އަދި އިންޓަވިއުއަށް ދާއިރު، އައިޑީ ކާޑާއި B2 ނުވަތަ B0 ލައިސަންސް ގެންދިއުމަށް އެދެއެވެ.
ޑްރައިވަރުންގެ ވަޒީފާއަށް ހޮވޭ މީހުންނަށް މުސާރައިގެ ގޮތުގައި 12,000 އާއި 18,000 ރުފިޔާއާ ދެމެދުގެ މުސާރައެއް ލިބޭނެއެވެ. އަދި މެޑިކަލް އިންޝުއަރެންސާއި އިތުރު ތަމްރީން ފުރުސަތުތައް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ، ވަޒީފާއަށް ހޮވޭނީ މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ މީހުންނަށް ކަމަށާއި ނަމަވެސް ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތްނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށެވެ.
ވޯކް-އިން އިންޓަވިއުގައި ބަސް ޑްރައިވަރުންގެ ވަޒީފާއަށް ނަގާނެ އަދަދެއް ނުބުނެއެވެ. ނަމަވެސް މާލޭ ތެރޭގައްޔާއި މާލެއާއި ހުޅުމާލެ އަދި ހުޅުލެއާއި ދެމެދު ކުރާ ބަސް ދަތުރުތައް ކުރުމަށް ގިނަ އަދަދަކަށް ބަސް ޑްރައިވަރުން ބޭނުންވާ ކަމަށް މީގެ ކުރިން އެ ކުންފުނިން ވަނީ ބުނެފައެވެ.