ޚަބަރު

އިންތިހާބުގެ ކަންކަން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ސަޕޯޓަރުންނަށް ނަސޭހަތްތެރިވުމަށް ފުލުހުން އެދިއްޖެ

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެންމެހާ ކަންކަން ސުލްހަވެރިކަމާއެކު ކުރިއަށްގެންދިއުމަށް ސަޕޯޓަރުންނަށް ނަސޭހަތްތެރިވުމަށް މާލޭ ސިޓިގެ ދާއިރާތަކުން މަޖިލީހަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ ކިބައިން ފުލުހުން އެދެފިއެވެ.

އެ ކެނޑިޑޭޓުންގެ ކިބައިން ފުލުހުން މިކަމަށް އެދިފައިވަނީ، އަންނަ އެޕްރީލް މަހުގެ 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ކުރަމުންގެންދާ މަަސައްކަތްތަކުގެ ތެރެއިން، މާލެސިޓީގެ އެކި ދާއިރާތަކަށް ޕާޓީތަކުން ކުރިމަތިލެއްވި ކެންޑިޑޭޓުންނާ ބައްދަލު ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގައެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި މި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެންމެހާ ކަންކަން ދެފަރާތުން އެއްބާރުލުން ދީގެން ސުލްހަވެރިކަމާއި އަމާންކަމާއިއެކު ކުރިއަށް ގެންދިއުމާބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

ފުލުހުން ބުނީ މި ބައްދަލުވުގައި އިންތިހާބުގެ އެންމެހާ ކަންކަން ސުލްހަވެރިކަމާއި އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް، ފުލުހުންނަށް އެއްބާރުލުން ދިނުމުގެ އިތުރުން މިނިވަންކަމާއެކު ހުރިހާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ކެމްޕެއިން ކުރުމުގައި އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު ނުވާނޭ ގޮތަށް އަމަލުތައް ބެހެއްޓުމާ ގުޅޭގޮތުން ވެސް ވާހަކަ ދައްކައި މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި، ރައްޔިތުން މަޖިލިސް އިންތިޚާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން ހިންގާ އޮޕަރޭޝަންގެ ކޮމާންޑަރ، ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފާއި، ޑެޕިއުޓީ ކޮމާންޑަރ ޗީފް ސްޕްރިންޑެންޓެންޑް އޮފް ޕޮލިސް މޫސާ އަލީ އާއި، ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނާއި އަދި ޗީފް ސްޕްރިންޑެންޓެންޑް އޮފް ޕޮލިސް މުޙައްމަދު ރަޝީދުގެ އިތުރުން ފުލުހުންގެ އިތުރު އޮފިސަރުން ބައިވެރިވެލެއްވިއެވެ.