ޚަބަރު

ރައީސުލްޖުމްހުރިއްޔާ "ސައިކްލޯން އިޑާއީ" ގައި ގެއްލުން ލިބުނު ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވައިފި

ޒިމްބާބްވޭއަށާއި، މަލާވީއަށާއި، މޮޒަމްބިގަށް އެރި ނުރައްކާތެރި ތޫފާން "ސައިކްލޯން އިޑާއީ" ގެ ސަބަބުން، 270 މީހުން މަރުވެ، މުދަލަށާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެ ތިން ޤައުމުގެ ރައީސުންނަށް ހަމްދަރުދީގެ މެސެޖު ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޙާދިޘާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި އެ ޤައުމު ތަކުގެ ރައްޔިތުން ދެއްކެވި ކެއްތެރިކަމާއި ސާބިތުކަމަށް ތަޢުރީފު ކުރައްވާފައިވެއެވެ.

އަދި، އެމަނިކުފާނު ފޮނުއްވި މެސެޖުގައި، މި ތިން ޤައުމަށް ކުރިމަތިވި ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އެ ތިން ޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު ހަމްދަރުދީ ފޮނުއްވައި، މި ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

އެ ތިން ގައުމަށް އެރި މި ތޫފާނުގައި އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފަ އެވެ. އަދި ބޮޑެތި ގެއްްލުންތަކެއް ވެފައިވާއިރު، އެ ތޫފާނުގައި މޮޒަމްބީގްގެ ސިޓީއެއް ކަމަށްވާ ބެއިރާ ވަނީ މުޅިންފުނޑު ފުނޑު ވެފައެވެ.