ޚަބަރު

ދެއްވަދޫގައި ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފި

ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރަށުގެ މިހާރުގެ ހާލަތާއި ދެއްވަދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއާ ހިއްސާކުރައްވައިފިއެވެ.

އެކަންކަން ރައީސްއާ ހިއްސާ ކޮށްފައި ވަނީ އެރަށު ކައުންސިލްގެ މެންބަރުންނާ އެމަނިކުފާނު މިއަދު ކުރެއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެރަށަށް އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ރަށުގައި ފެނާއި ނަރުދަމާ ޤާއިމުކުރުން ކަމަށާއި، ނަރުދަމާ ޤާއިމުކުރާއިރު ޓްރީޓްމަންޓް ޕްލާންޓެއްވެސް ބޭނުންވާ ކަމުގައި ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުންވެސް ރަށުގެ ކަރަންޓުގެ ދަތިކަމާއި، ބަނދަރު ތޮށި މަރާމާތުކުރުމުގެ އިތުރުން ދެއްވަދޫއިން ގޯތި ދޫކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިފައިވެއެވެ.

ކައުންސިލް މެންބަރުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، އެރަށުގައި ބޭންކިންގ ޚިދުމަތާއި ފުލުހުންގެ ޚިދުމަތް ބޭނުންވާކަމަށާއި، ފެރީ ޚިދުމަތް އިތުރަށް ރަނގަޅުކުރުމުގެ އިތުރުން، ދެއްވަދޫ ޞިއްޙީ މަރުކަޒުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާކަންތައްތައް ހިިމެނެއެވެ. އަދި، ކައުންސިލުން ވަނީ ޒުވާނުން ކުޅިވަރު ކުޅެން ބޭނުންކުރާ ފުޓްބޯޅަދަނޑު ތަރައްޤީކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިފައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނިގޮތުގައި މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދެއްވަދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.