ށ. ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމުން އެ ރަށު ކައުންސިލް ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފީވަކު ގޮނޑުދޮށުން ގިނަ އަދަދަކަށް ވެއްޔާއި އަކިރި ނެގިކަމުގެ ޝަކުވާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެ އެޖެންސީއަށް ހުށަހެޅި ކަމަށެވެ.
އެ މައްސަލާގައި ބެލި ބެލުންތަކާއި އެއްކުރި މައުލޫމާތުތަކުން، ފީވަކު ކައުންސިލް އިދާރާގެ އިސްނެގުމުގެ މަތިން 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި އެ ރަށު ގޮނޑުދޮށުން ނަގައި ކުޑަކުދިން ކުޅޭ ޕާކެއް ތަރައްގީކުރުމަށްޓަކައި ބޭނުންކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އީޕީއޭ އިން ވަނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން ލިބިދޭ ބާރުގެ ދަށުން އެކުލަވާލާފައިވާ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރަށް ރިއާޔަތްކޮށް ގަވާއިދުގެ ޖަދުވަލު ދޭއްގެ ދަށުން 83,525 ރުފިޔާ އިން ފީވަކު ކައުންސިލް އިދާރާ ޖޫރިމަނާކޮށްފައެވެ.
އަދި އެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް މި މަހުގެ 12 ވަނަ ދުވަހު ފީވަކު ކައުންސިލަށް އަންގާފައިވާނެ ކަމަށް އީޕީއޭއިން ބުނެއެވެ.