ޚަބަރު

ދޫންޏެއް ސަލާމަތް ކުރުމަށް ދިވެއްސަކު ކެރޭނުގައި ގަހުކުރިޔަށް

މުހައްމަދު އައުޒަމް

ދިވެހީންގެ ތެރެއިން ބައެއް މީހުން ދިރޭ އެކި ކަހަލަ ދޫނި ގެންގުޅުމަށް ވަރަށް ބޮޑަށް ލޯބި ކުރެ އެވެ. އެފަދަ ބައެއް މީހުންގެ ހަޔާތުގައި އެންމެ އިސްކަމެއް ދެވެނީ ވެސް އެ އެއްޗިއްސަށެވެ.

ލޯބިދީގެން ގެންގުޅޭ ބުޅަލެއް ނުވަތަ ގުރައެެެއް ނުވަތަ އެހެން ވެސް ދިރޭ އެއްޗެއް ގެއްލުމަކީ އެކަމުގައި އުޅޭމީހުންނަށް ހިތާމައިން ފުރިގެންވާ ކަމެކެވެ.

އެކަމަކު މި ފަހަރުގެ މި ކަމަކީ ރާއްޖެއިން ފެނުނު މުޅީން ތަފާތު ކަމެކެވެ.

ދިވެއްސަކު މިވަނީ އޭނާގެ މަކާއޯ އުދުހިގެން ދިއުމުން އެމަކާއޯ ސަލާމަތް ކުރުމަށް ވަރަށް ތަފާތު ކަމެއް ކޮށްފައެވެ. އޭނާގެ މަކާއޯ އުދުހިގެން ގޮސް ޖެއްސީ މަޖީދީމަގު ހީނާމާގޭ ކަންމައްޗަށް ވާގޮތަށް ހުރި ގަހަކަށެވެ. ނަމަވެސް އުނދަގޫ ކަމަކަށްވީ އުދުހިގެންގޮސް އެދޫނި ގަހުގެ އެންމެ ކުރީގައި ޖެއްސުމުންނެވެ.

އެތައްދުވަހެއް ވަންދެން ލޯބިދީގެން އޮޅުކުރި ދޫނި ސަލާމަތްކުރަން މިމީހާ ވަނީ ތަފާތު ކަމެއް ކޮށްފައެވެ. އޭނާ ދޫނި ސަލާމަތް ކުރީ ކެރޭނެއް އެސަރަހައްދަށް ގެނެސް ސޭފޮޓީ ބެލްޓު އަޅައިގެން ރައްކާތެރިކަމާ އެކު އޭނާގެ މަކާއޯ ހުރިހިސާބަށް އަރައިގެނެވެ.

މީސްމީޑިއާގައި އޭނާ ކުރި މަސައްކަތް ފެންނަ ފޮޓޯތައް ދައުރުވަމުން އަންނަ އިރު ގިނަބަޔަކު ވަނީ އޭނާގެ މަސައްކަތް އެއީ ބޭރު ފިލްމެއްގެ މަންޒަރެއްގެ ގޮތުގައި ސިފަކޮށްފައެވެ.