ބޮޑެތި ކުންފުނިތަކުގައި މަސައްކަތްކުރާ 95 ޕަސެންޓް މުވައްޒަފުން އެ ކުންފުނިތަކުގައި މަސައްކަތް ކުރަނީ ފަހުރުވެރިކަމާ އެކުގައި ކަމަށް ޕްރިމިއަމް ކޯޕަރޭޓް ޓްރައިނިން ޕްރޮވައިޑާ (ސީޓީއައި) މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.
ދެ އަހަރުގެ ދުވަހަށް ބަހާލައިގެން ޖުމުލަ 453 މުވައްޒަފުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ މި ދިރާސާއިން ދައްކާ ގޮތުގައި ބޮޑެތި ކުންފުނިތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުން މަސައްކަތާމެދު ފަހުރުވެރިވެއެވެ. ނަމަވެސް 20 ޕަސެންޓް މުވައްޒަފުންނަކީ އެ ކުންފުނިތަކުގެ މެޖޭނަރުންނާ މެދު އެހާ ހިތްހަމަޖެހޭ މުވައްޒަފުން ނޫންކަން ދިރާސާއިން ހާމަވިއެވެ.
ދިރާސާގައި ފާހަގަވި އެހެން ކަންކަން:
ސީޓީއައި މޯލްޑިވްސް އިން ކުރިއަށް ދިރާސާއާ ގުޅޭ ގޮތުން އެ ތަނުން ވަނީ ސަރުކާރުގެ ބައެއް އެސްއޯއީތަކާއި ރިސޯޓުތަކުގެ މެނޭޖްމެންޓުގެ ބަސްވެސް ހޯދައިފައެވެ.
ސަރުކާރުގެ އެސްއޯއީއެއްގެ އެޗްއާރު މެނޭޖަރެއް ފާހަގަކުރި ގޮތުގައި، މަތީ މަގާމުތަކުގައި ތިބޭ ބައެއް މުވައްޒަފުންނަކީ އެކަމުގެ ފުރިހަމަ ތައުލީމާއި ހުނަރު ލިބިފައި ނެތް މީހުންނެވެ. އެގޮތުން އެ މީހުން އެ މަގާމުތަކަށް އަންނަނީ ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރުމުން ކަމަށް ފާހަގަކޮށްފައިވެެއެވެ.
ސީޓީއައި މޯލްޑިވްސް އިން ބުނި ގޮތުގައި ބައެއް އެޗްއާރު މެނޭޖަރުން ގަބޫލުކުރާ ގޮތުގައި މީހުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދޭންޖެހެއެވެ. އަދި ހަމަހަމަ ކަމާއެކުގައި މުވައްޒަފުންނާ މެދުގައި ކަންކަން ކުރަންޖެހެއެވެ.
ސީޓީއައި މޯލްޑިވްސްއަކީ ސްކިލް ޕާމް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ ޓްރެއިނިން ޕްރޮވައިޑާއެކެވެ.