ޚަބަރު

"ޗާލު މިސްކިތް" ފަންޑަށް މިހާތަނަށް 300،000 ރުފިޔާ، މުއިއްޒު ވިދާޅުވަނީ ޖުމުލަ ނުވަ މިލިއަން ބޭނުންވާ ކަމަށް

މުހައްމަދު އިޝާން

ރޯދަ މަހަށް މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވައި މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ޗާލު މިސްކިތް" ފަންޑަށް މިހާތަނަށް 300،000 އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

އާޓިފިޝަލް ބީޗުގައި "ޗާލު މިސްކިތް" ފަންޑް ރައިޒިން ހަރަކާތް ފެށިގެންދިޔައީ މިއަދު ހަވީރެވެ. އެ ފަންޑާ ގުޅޭގޮތުން ސިޓީ ކައުންސިލުން މިރޭ ކުރި ޓުވީޓެއްގައި ބުނީ ފުރަތަމަ ދުވަހުގެ ތެރޭގައި އެ ފަންޑަށް 313،397.90 ރުފިޔާ ލިބިފައިވާ ކަމަށާއި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ޗާލު މިސްކިތް" ފަންޑް ރައިޒިން ހަރަކާތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އެންމެ އިސްކަމެއް ދެނީ މާލޭގެ އެންމެ ރީތި ބިނާތަތަކީ މިސްކިތްތައް ހެދުން ކަމަށެވެ. އަދި އެކަން ކުރުމުގެ ގޮތުން ކައުންސިލުގެ ފެންވަރުން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މިސްކިތްތަކުގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން ސިޓީ ކައުންސިލަށް ދީފައިވަނީ އެއް މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި އެއް މިލިއަން ރުފިޔާއަކީ މާލޭގެ މިސްކިތްތައް ބެލެހެއްޓުމަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ. ނަމަވެސް އެއް މިލިއަން ރުފިޔާ ދިންކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ.

"ސީދީ ސިޓީ ކައުންސިލުން ހުރިހާކަމެއް ބަލަހައްޓާ 28 މިސްކިތެއް އެބަހުރޭ. އާންމު ފަރާތްތަކުން ބިނާކޮށް، އެ ފަރާތްތަކުން ބަލަހައްޓާ މިސްކިތްތަކާއި ސިޓީ ކައުންސިލާއި އާންމުންނާ ގުޅިގެން ބަލަހައްޓާ މިސްކިތްތަކާއެކީގައި 30 އަށްވުރެ ގިނަ މިސްކިތް، ގާތްގަނޑަކަށް 40 މިސްކިތް މާލޭ ސިޓީގައި ހުރޭ. މިއަދުގެ މި ހަރަކާތުގައި އަޅުގަނޑުމެން މި ފަންޑް ހޯދުމަށް ހުޅުވާލަނީ މި ދެންނެވި ގޮތަށް 28 މިސްކިތަށް. މި ކައުންސިލުން މި ދެންނެވި ގޮތަށް އަޅުގަނޑުމެންގެ އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ މިއަދާ ހަމައަށް އައިއިރު މި ދެންނެވި މުހިންމު މަސައްކަތަށް ވަނީ ހޭދަކޮށްފައި،" މޭޔަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އަމާޒަކީ ކުރިއަށް މިއޮތް ރަމަޟާން މަސް އައުމުގެ ކުރިން ބާކީ ހުރި ހުރިހާ މަސައްކަތެއްވެސް ނިންމާލުން ކަމަށާއި މަސައްކަތްތަކަށް ގާތްގަނޑަކަށް 14 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މީގެ ކުރިން ހެދި ސާވޭއަކުން ދައްކާ ކަމަށެވެ.

"އެހެންނަމަވެސް އޭގެ ތެރެއިން ގިނަ މަސަކަތެއް ކުރެވި، މިއަދާ ހަމައަށް އައިއިރު ނުވަ ވަރަކަށް މިލިއަން ރުފިޔާގެ މަސައްކަތް ބާކީ ނިންމާލަން ހުރީ،" މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މިސްކިތްތައް ބެލެހެއްޓުމަށް ކައުންސިލުން ކުރާ މަސައްކަތަށް ރައްޔިތުންގެ އެހީތެރިކަމަށް އެދޭ ކަމަށާއި މިސްކިތްތަކަށް ބޭނުންވާ ކަންކަން ކުރުމަށް ހުޅުވާ "ޗާލު މިސްކިތް" ފަންޑު ދެ ދުވަހަށް ކުރިއަށް ގެންދިޔަޔަސް، މިސްކިތްތަކަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް ސިޓީ ކައުންސިލު މެދުވެރިކޮށް އެހީ ފޯރުކޮށްދެވެން ހުންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ "ޗާލު މިސްކިތް" ފަންޑުގެ މަސައްކަތް ކުރިއަށްގެންދާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ފިނޭންސް މިނިސްޓްރީއަށް ހިސާބުތައް ފޮނުވައިގެން ދެފުށްފެންނަ ގޮތަށް ކަމަށެވެ. އަދި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން އެދިއްޖެ ނަމަ، ސިޓީ ކައުންސިލުން އެ ފައިސާ ހަރަދުކުރި ގޮތުގެ ތަފުސީލު ދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ފައިސާގެ ބަދަލުގައި ތަކެތީގެ އެހީ ނުވަތަ މިސްކިތްތައް މަރާމާތުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ޗާލު މިސްކިތް" ފަންޑް ރެއިޒިން ހަރަކާތް ކުރިއަށް ދާނީ ދެ ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން މިއަދު ހަވީރު 4:00 އިން ފެށިގެން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ކުރިއަށް ދާނެއެވެ. އަދި މާދަމާ ހެނދުނު 9:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށް އަދި ރޭގަނޑު 8:00 އިން ފެށިގެން ރޭގަނޑު 11:000 އާ ހަމައަށް އެ ހަރަކާތް ކުރިއަށްދާނެއެވެ.