ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ދީނީ ތައުލީމު ދިނުމުގެ ޕްރޮގްރާމް ރައީސް އިފްތިތާހުކުރައްވައިފި

އަހުމަދު ޖައިޝަން

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދީނީ ތައުލީމު ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް މިރޭ އިފްތިތާހުކުރައްވައިފިއެވެ.

އެ ޕްރޮގްރާމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދީނީ ގޮތުން ދޭންޖެހޭ އަސާސީ މައުލޫމާތު ދިނުމުގެ ސިޔާސަތާ އެއްގޮތަށް އިފްތިތާހުކުރެއްވި ޕްރޮގްރާމެކެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމު އިފްތިތާހުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެ ޕްރޮގްރާމްގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޤުރުއާން ކިޔަވައިދޭނެ އެވެ. އަދި ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބްރެއިލް ބޭނުންކޮށްގެން ޤުރުއާން ދަސްކޮށްދެވޭނެއެވެ.

އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ވިދާޅުވީ، އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ހާއްސަ ދީނީ ސެޝަންތައް ވެސް އެ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެ ޕްރޮގްރާމް ގެންދާނީ މަހަކު ދެ ސެޝަންގެ އުސޫލުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.