މާލޭ ގެއެއްގެ ތެރޭގައި އާއިލީ ހަމަނުޖެހުމެއްގައި ބޭބެއަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ކޮއްކޮ ބަންދުން ދޫކޮށްލައިފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، ހ. އަލަވަލުގެ، ލަމްހާ ނަސީރު، 25 އެވެ. ފުލުހުން ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ފުލުހުން އޭނާއަށް ކުރަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ފުލުހުން ލަމްހާގެ ބަންދާ މެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރިއެވެ.
ފުލުހުން މިރޭ ބުނީ، ލަމްހާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާނީ އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
ލަމްހާ ބަންދުކުރަން އަމުރުކުރި ކޯޓު އަމުރުގައިވާ ގޮތުން ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު ހެދި މަސްތުވާތަކެތީގެ ޓެސްޓުގައި އޭނާ ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. ލަމްހާ ޕޮޒިޓިވްވެފައިވަނީ މަސްތުވާތަކެތީގެ ކޮން ބާތަކަށްކަން ކޯޓު އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ. ލަމްހާ އެ ފަހަރު ބަންދުކުރަން ނިންމީ އޭނާއަށް ތުހުމަތުކުރާ ކުށް އޭނާ ކުރިކަމަށް ކޮންމެވެސް ވަރަކަށް ފުލުހުންގެ ފަރާތުން ހެކި ހުށަހަޅާފައިވާތީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫ އަރާފާނެތީ ކަމަށެވެ. ފުލުހުން ލަމްހާ ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ހާދިސާ ރިޕޯޓާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހިމެނެއެވެ.