ޚަބަރު

އަޑުއިވުމުން މަހުރޫމު ވެފައިވާ ފަރާތްތަކަށް ސައިން ލޭންގުއޭޖުން ހުތުބާ

އަހުމަދު ޖައިޝަން

އަޑުއިވުމުން މަހުރޫމް ވެފައިވާ ފަރާތްތަކަށް ސައިން ލޭންގުއޭޖް ބޭނުންކޮށްގެން ހުތުބާ ދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒާހިރު މިހެން ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތައުލީމާ އެކި ކަހަލަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އެގޮތުން ސައިން ލޭންގުއޭޖް ބޭނުންކޮށްގެން ދީނީ ސެޝަންތައް ބޭއްވުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކޮންމެ މަހަކުވެސް ދީނީ ދެ ސެޝަނެއް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ޤުރުއާން ކިޔެވުމުގެ ފުރުސަތުވެސް ތަނަވަސްކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބްރެއިލް ބޭނުންކޮށްގެން ޤުރުއާން ދަސްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސައިން ލޭންގުއޭޖާއި ބްރެއިލް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ މަސައްކަތް ކުރުމަށް ރާއްޖޭގައި މިހާރުވެސް އަންނަނީ ގިނަ ބަޔަކު ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.