މި މަހު 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހަމަޖައްސައިފިއެވެ.
މާރިޔާ އެ މަގާމަށް ހަމަޖެއްސިކަން އިއުލާންކުރައްވައި ރައީސް ސޯލިހުގެ ކެމްޕެއިން މެނޭޖަރު، ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޝިޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންއާ ގުޅޭ މައުލޫމާތު މީޑިއާއާ ހިއްސާކުރައްވާނީ މާރިޔާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުވެސް ފުރުއްވި މާރިޔާއަކީ، ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުގެ މާލޭ އޭރިއާގެ ކޯޑިނޭޓަރެވެ.
މާރިޔާ ތަރުޖަމާނެއްގެ ގޮތުގައި ހަމަޖެއްސެވި އިރު، ރައީސް ސޯލިހު ބައިވެރިވެވަައިގަންނަވާ ފުރަތަމަ ކެމްޕެއިން ހަރަކާތް މިރޭ ބާއްވަން ވަނީ ނިންމައިފައެވެ. އެ ހަރަކާތް އޮންނާނީ މިރޭ މިރޭ 9:00ގައި އެމްޑީޕީގެ މައިހަރުގޭގައެވެ.