އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަނުގެ ވަޒީފާއިން ވަކިކުރި މުވައްޒިފުން ވަކިކޮށްފައިވަނީ، އެކުންފުނީގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވެގެންނާއި، އިންޒާރުދީ އިސްލާހީ ފިޔަވަޅު އަޅައި، އިސްލާހު ނުވެގެންކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދުސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަނުގެ ގިނަ މުވައްޒިފުންތަކެއް ވަޒީފާއިން ވަކިކުރިކަމަށްބުނާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ އެދިލެއްވުމަކަށް އެ ކުންފުނީގެ އިސްބޭފުޅުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ހާޒިރުކޮށް، މުވައްޒިފުން ވަކިކުރި މައްސަލައާބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަހުމަދުސައީދު ވިދާޅުވީ، މިހާތަނަށް އެކުންފުނިން 53 މުވައްޒިފުން ވަޒީފާއިން ވަކިކޮށްގައިވާނެ ކަމަށެވެ.
އޭގެ ތެރެއިން 11 މީހުން ވަކިކޮށްފައިވަނީ، ކުންފުނީގެ މުދަލާއި ފައުިސާއށް ހިޔާނާތްތެރިވެގެންނެވެ. އަދި އެކަން ތަހުގީގުކޮށް ލިއުތައް ހުންނާނެ ކަމަށާއި އޭގެ ބައެއް މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވާނެކަމަށްވެސް ވިދާޅުވި އެވެ.
އަދި ދެންތިބި މުވައްޒިފުން ވަޒީފާއިިން ވަކިކުރީ ކުންފުނިން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ދަތިވާގޮތަށް މައްކަތް ކޮށް ވަޒީފާގެ އަހުލާގާ ހިލާފްވެގެން ތަކުރާރުކޮށް އިންޒާރުދީ އިސްލާހު ނުވެގެން ކަމަށްވެސް ވިދާޅުވިއެވެ.
ހިޔާނާތުގެ ތަފްސީލެއް ދެއްވަމުން އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރުން އަބުދުﷲ ވަހީދު ވަނީ، އެތަނުގެ ތިޖޫރި އެއްގައި ހުރި ތިންލައްކަ ރުފިޔާއަށް ވީގޮތް ނޭނގުމުގެ މައްސަލަ އާއި ތިން ރަށެއްގެ ހުރިހާ ކަރަންޓްބިލްތަކެއް ތިން މީހަކުވެގެން ބަދަލު ކުރި މައްސަލައެއް ފާހަގަ ކުރައްވައިފައެވެ.