ޚަބަރު

އަލަމްގީރުގެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި ކަމަށް ތުހުމަތުކުރި މީހުން ދޫކޮށްލައިފި

ރިފާ ހަލީލު

ގިނަ ފިރިހެނުންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައި މައްސަލަ ފައިލްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑުކޮށް އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާއްމުކޮށްފައިވާ މައްސަލައާ ގުޅިގެން ޖުމުލަ ފަސް މީހަކު ހައްޔަރުކުރި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ދެ މީހަކު ކޯޓުން ދޫކޮށްލިއެވެ.

ހައްޔަރުގައި އޭގެ ފަހުން ތިބީ އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް، "ބޮސް"ގެ ނަމުން މުހާތަބުކުރާ ބ. ދަރަވަންދޫ/ އަކިރި، ހަމްދޫން އަބްދުﷲ އާއި އެ ރަށު ހީމަ/ މުހައްމަދު މިހާދު މުސްތޮފާގެ އިތުރުން ށ. ފުނަދޫ/ ސީސްޓާ، މައުމޫން މޫސާއެވެ.

ފުލުހުންގެ މީޑިއާއިން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، އެ މައްސަލައާ ގުޅޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ މަޝްވަރާ ކުރުމުން ލިބިފައިވާ ހެއްކަކީ ޖިނާއީ ދައުވާއެއް ކުރެވޭ ވަރުގެ ބުރަދަނެއް ހުރި ހެކިތަކެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ފައިލްކުރުމަށް ޕީޖީ އޮފީހުން ލަފާދީފައިވާތީ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން މިދިޔަ ނޮވެމްބަރު މަސް ތެރޭ ދޫކޮށްލައި މައްސަލަ ފައިލްކޮށްފައިވާ ކަމަށް ބުންޏެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ލިބިއްޖެނަމަ މައްސަލަ އަލުން ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ސަރުކާރުގެ އެކި އިދާރާތަކުގެ މީހުންނާއި ސިޔާސީ އިސް މީހުންނާއި ފުލުހުންނާއެކު އަލަމްގީރް ޖިންސީ ގުޅުން ހިންގާފައިވާ ވީޑިއޯތަކެއް ވަނީ ދައުރުވެފައެވެ. މި ވީޑިއޯތައް ލީކުވާންފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި ވީޑިއޯތައް ބޭނުންކޮށްގެން އެތައް ބަޔަކު ބްލެކްމެއިލްކޮށް ގިނަ އަދަދުން ފައިސާ ހޯދާފައިވާ ކަމަށް މީގެ ކުރިން ފުލުހުން ބޭއްވި ބައްދަލުވުމެއްގައި ވަނީ ބުނެފައެވެ.