ޚަބަރު

އެމްޑީޕީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.

އެމްޑީޕީން މިއަދު އާންމު ކުރި ލިސްޓުގައިވާ ގޮތުން ރިޔާސީ ޕްރައިމަރީގައި 57،255 މީހުންނަށް ވޯޓު ލެވޭނެއެވެ. މީގެ ކުރިން އާންމުކުރި ވަގުތީ ލިސްޓުގައި ވަނީ 57،714 މީހުންގެ ނަމެވެ.

މިދިިޔަ ބުދަ ދުވަހު ވަގުތީ ލިސްޓާއެކު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލިއެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަދި ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ވަނީ ޝަކުވާ ހުށަހަޅައިފައެވެ.

ޕްރައިމަރީއާ ބެހޭ ކަންތައްތައް އިންތިޒާމުކުރާ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެފައިވަނީ ވަގުތީ ލިސްޓުން 457 މީހުންގެ ނަން އުނިކުރަން ނިންމާފައިވާ ކަމަށާއި އެ މީހުން ވޯޓިން ލިސްޓުން އުނިކުރީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ޝަކުވާއަކާ ގުޅިގެން ކަމަށެވެ.

އެ ޝަކުވާއަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެމްޑީޕީ ދަފުތަރުގައި ހިމެނޭ މެންބަރުންނަށްވުރެ އިތުރަށް ވޯޓާސް ލިސްޓުގައި މީހުން ތިބި ކަމަށް ބުނެ ހުށަހެޅުއްވި ޝަކުވާއެއް ކަމަށާއި އެ ޝަކުވާ ކޮމިޓީން ބެލި އިރު، ޑިސެމްބަރު 18ގެ ނިޔަލަށް އީސީގެ ދަފުތަރުގައި އޮތް މީހުންގެ އިތުރުން 457 މެންބަރުން ވޯޓިން ލިސްޓުގައި ހިމަނާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އިބުރޭ ވިދާޅުވެފައިވެއެވެ. އެހެންކަމުން އެ މެންބަރުންނަށް ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

"އެ ޝަކުވާ ހުށަހެޅުމުން ޝަކުވާ ބަލާފައި އެކަންކުރި ގޮތް އޮޅުން ފިލުވިން. ފާހަގަވެފައި އޮތީ މީގެ ކުރިން އަމަލުކުރާ ގޮތުން، ޕާޓީއަށް ފޯމެއް ލިބުނީމަ އެ ފޯމު އިލެކްޝަނަށް ހުށަހެޅުމުން އިލެކްޝަނުން އެ ފޯމު ދަފުތަރު ކޮށްދޭ. ނަމަވެސް މިހާރު އެގޮތަށް އިލެކްޝަނަށް ފޯމު ހުށަހެޅީމަ، ޝަކުވާ ހުށަހަޅަން ފުރުސަތު ދީފައި ހަފުތާއެއް ވަންދެން ފޯމު ގެޒެޓް ކުރާނެ. އޭގެ ފަހުން ޝަކުވާއެއް ނާންނަންޏާ ދަފުތަރު ކޮށްދެނީ. އެހެންވީމާ އެ މަރުހަލާއާ ހެދި ލަސްވެފައި އޮތް ފޯމުތަކެއް ކަމަށްވެފައި، ރައީސް ނަޝީދުގެ ކެމްޕެއިނުން އެ ޝަކުވާ ކުރުމާ ގުޅިގެން ކޮމިޓީން ނިންމީ ޑިސެމްބަރު 18 ވަނަ ދުވަހާ ހަމައަށް މެންބަރުންގެ ގޮތުގައި ދަފުތަރުގައި ނެތް ބޭފުޅުން، ލިސްޓަށް ނޭރުވޭނެ ކަމަށް،" އިބުރޭ ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ ކެމްޕޭނުގައި ވެސް އެމަނިކުފާނު އެންމެ ބޮޑަށް ފާހަގަކުރައްވާ މައްސަލައަކީ އެމްޑީޕީ ދަފްތަރުގެ މައްސަލައެވެ. އެމްޑީޕީގެ ދަފްތަރުން 39،000 މީހުން އުނިކޮށްފައިވާކަން ފާހަގަކުރައްވައި، ނަޝީދު ތުހުމަތުކުރައްވަނީ ދަފްތަރުން އެމީހުން އުނިކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ނުދޭނެ ކަމަށް ބެލެވޭތީ ކަމަށެވެ.

މިމަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ދެކޮޅަށް ނުކުންނަވާނީ ރައީސް ސޯލިހެވެ.