މަސްވެރިކަން

މަސްވެރިންނަށް ފައިސާ ނުދީއެއް ނޯންނާނެ، ބައެއް ފަހަރު ޑިލޭވާ މައްސަލަ ހައްލުވާނެ: ފައުޒީ

އިބްރާހިމް ޒަކީ

މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާއެއް ނުދީ ނޯންނާނެ ކަމަށާއި، ބައެއް ފަހަރު ބައެއް ސަބަބުތަކާހުރެ ފައިސާ ފޮނުވުމުގައި ޑިލޭ ވާ މައްސަލަ ދިމާވާ ކަމަށާއި އެމައްސަލަ ވެސް ކުރިއަށް އޮތްތަނުގައި ހައްލު ކުރާނެކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

"ވަން އޮންލައިން"އަށް ދެއްވި އިންޓަވިއު އެއްގައި ފައުޒީ މިއަދު ވިދާޅުވީ، މިހާރުވެސް މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް ހުރި މަސްވެރިންގެ ހުރިހާ ބިލަކަށް ފައިސާ ދައްކައި ހަލާސް ކޮށްފައިވާ ކަމަށެވެ.

އަދި މިމަހުގެ 12 ވަނަ ދުވަހުންފެށިގެން މިއަދާ ހަމަށްހުރި ބިލުތަކަށް ފައިސާ ފޮނުވުގެ ކަންތައް މިހާރު ކުރަމުން އަންނަ ކަަމަށާއި އިރާދަ ކުރެއްވިއްޔާ މިރޭ ސްޓޭޝަންތަކަށް ފައިސާ ފޮނުވޭވަރު ވާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

"އެގާރަވަނަ ދުވަހާ ހަމައަށް މަސްވެރިންނަށް ވާނީ ހުރިހާ ބިލަކަށް ފައިސާ ދީފަ. ދެން ބާރަވަނަ ދުވަހުންފެށިގެން މިދިޔަ އަށްދުވަހުގެ ފައިސާ، 17 ވަރަކަށް މިލިޔަން ރުފިޔާ މި ފޮނުވަނީ އިރާދަ ކުރެއްވިއްޔާ. މިރޭން ފެށިގެން ވެސް ސައިޓްތަކުންލާރި ލިބޭނެ، ކޫއްޑޫއަށް މިރޭވެސް ލާރި ލިބޭނެ. އޭރުން ކޫއްޑޫއިން ބަނދަރުތަކަށް ދާ އުޅަނދު ފަހަރަށްވެސްފައިސާ ލިބޭނެ،" އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބައެއް ފަހަރު ފައިސާ ފޮނުވުމުގައި ޑިލޭ ވާން ދިމާވަނީ އެހާގިނަ ފައިސާ މަތިން އުފުލުމަށާއި އެހެނިހެން ބައެއް ދަތިތައް ދިމާވާތީ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އެކަން ހައްލުކޮށް ސަރުކާރުގެ އެހީތެރިކަމާއެކު ފައިސާ ދީފައި މަސްވެރިންގެ އަތުން މަސް ގަނެވޭނެ އުސޫލު ހަމަޖެހިގެންދާނެކަމަށެވެ.

"މަސްވެރިންނަށް އަޅުގަނޑު ޔަގީންކަންދެން ކުރިއަށްއޮތް ތަނުގައި ސަރުކާރުގެ އެހީތެރިކަމާއެކީ ފައިސާ ދީފަ މަސްވެރިންގެ އަތުން މަސް ގަނެވިގެންދާނެކަމަށް،" ފައުޒީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަހުގެ އަގު ކިތަންމެ ވަރަކަށް ދަށަށްދިޔަ ނަމަވެސް މިފްކޯއަށް މަސްގަންނަމުންދަނީ އަގަށް ބަދަލު ނުގެނެސް 7 އަހަރު ކުރިއްސުރެ މަސްވެރިންނަށް ދެމުން އަންނަ އަގުގައި ކަމަށެވެ.

އަދި މަސް ޕްރޮސެސް ކުރުމާއި މަސައްކަތުގެ ހަރަދު ތަކަށާއި، މާކެޓުގައި މަހުގެ އަގު ހުރި މިންވަރަށްބަލާއިރު އެއީ މިފްކޯއަށް ގެއްލުންވަމުންދާ އަގެއް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައިވެސް މަސްވެރިންނަށް ހަމައަގު ދެމުން ގެންދާނެކަމަށް ފައުޒީ ވިދާޅުވިއެވެ.

މިދިޔަ އަހަރު މިފްކޯއަށް ބާރު ބޮޑުވެ މަސް ނުގަނެވުމުގެ ސަބަބުން ބައެއް މަސްވެރިންނަށް މަސްތައް އުކާލަންޖެހޭ ހާލަތު ކުރިމަތިވިކަން ފާހަގަ ކުރައްވައި ފައުޒީ ވިދާޅުވީ، މިހާރު މިފްކޯއިން އެ މައްސަލަ ހައްލު ކޮށްފައިވާ ކަަމަށެވެ. އެގޮތުން މިހާރު މަސްވެރިން ކިތަންމެ މަހެއް ކިރުވަން އަޔަސް އެ ހުރިހާ މަހެއް ކިރުވުމުގެ ކެޕޭސިޓީ މިފްކޯގައި ގާއިމް ކޮށްފައިވާ ކަމަށާއި، މިފްކޯ އޮތީ މަސްވެރިންނާއެކު ކުރިއަށް ދިއުމަށް ކަމަށްވެސަ ވިދާޅުވިއެވެ.

"މިދިޔަ އަހަރު މަސްއުކައިލުމަށް ދިމާވި މައްސަލަ ހައްލުކޮށްގެން، ކިތަންމެ ބައިވަރު މަސް ގެނަޔަސް ގަންނަން ތައްޔާރުވެގެން މިފްކޯ މިއޮތީ، އެހެންކަމުން މަސް ކިރުވުމަށް ދަތިތައް ދިމާނުވާ ގޮތަށް މިފްކޯ މިއޮތީ މަސްވެރިންނާއެކު ކުރިއަށްދާން،" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ، މަސްބޯޓު ތަކުުގައި ހުރި ކެޕޭސީޓީއަށް ބަލައި މަސްވެރި އުޅަނދު ފަހަރަށް މިފްކޯއިން ތެޔޮ ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މަސްވެރި އުޅަނދުފަހަރުގައި ކެޕޭސިޓީ ހުރިވަރަށް މިފްކޯގެ ސްޓޭޝަން ތަކުންނާއި މަސް ކިރުވާ ބޮޑެތި ބޯޓު ފަހަރުން ތެޔޮ ލިބޭނެ ކަމަށްވެސް ވިދާާޅުވިއެވެ.

"އަޅުގަނޑުމެންގެ ކަލެކްޓަރ ބޯޓު ތަކަކީ ތަންކޮޅެއް ކުދި ބޯޓުފަހަރު، އެއީ 25 ނުވަތަ 40 ޓަނުގެ ބޯޓު ފަހަރު، ނަމަވެސް ބައެއް މަސްވެރި އުޅަނދުފަހަރަށް އެބަ ބޭނުންވޭ 2000 ލީޓަރު ތެޔޮ، އެހެންވީމާ އެ ބޯޓު ފަހަރުގެ ކެޕޭސިޓީ ހުރިވަރަކުން ދޯނިފަހަރަށްވެސް ތެޔޮ ވިއްކަމުން މިދަނީ. ދެން އުޅަނދުފަހަރުގެ ކެޕޭސިޓީ ހުރިވަރަކަށް ކޫއްޑޫ އާއި ފެލިވަރުން ތެޔޮ ލިބޭނެ،" ފައުޒީ ވިދާޅުވިއެވެ.