ޚަބަރު

ތިން ރަށެއްގެ އައިސްޕްލާންޓުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިފްކޯއިން ފަށައިފި

ފާތިމަތު ލިޔުޝާ

ތިން ރަށެއްގެ އައިސްޕްލާންޓުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިފްކޯއިން ފަށައިފިއެވެ.

މިފްކޯގެ މީޑިއާއިން މިއަދު ބުނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ހުޅުމީދޫ އައިސްޕްލާންޓުގެ އެއް ޔުނިޓުގެ ޑްރަމް އަށް މައްސަލައެއް ދިމާވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ހުޅުމީދޫ އައިސްޕްލާންޓުގެ ދެވަނަ ޔުނިޓުގައި އުޅެނީ ގޭސް ލީކުވުމުގެ މައްސަލައެއްކަން ފާގަވެފައިވާ ކަމަށެވެ.

"އާންމުގޮތެއްގަ އޭއެފްސީން މަދުން ދޯނިފަހަރު އައިސް އެޅިނަމަވެސް މި ދެ މައްސަލަ ދާއިމީ ގޮތެއްގަ ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދަނީ. ގައްދޫ އައިސް ޕްލާންޓު ކޮންޑެންސަރު ޕަމްޕަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ކޫއްޑޫ އިންޖިނިއަރެއް އެތަނުގަ ހަރަކާތްތެރިވަމުންދާނެ." މިފްކޯއިން ބުންޏެވެ.

އޭގެ އިތުރުން ތިނަދޫ އައިސް ޕްލާންޓުގައިވެސް ކޮންޑެންސަރު މައްސަލައެއް ދިމާވެގެން އިންޖިނިއަރުން އަންނަނީ އެތަނުގައިވެސް މަސައްކަތް ކުރަމުން ކަމަށާއި ކޫއްޑޫގެ ކްރޭން އެކެއް، ތިނެއް އަދި ހަތަރެއްގެ ރަނގަޅުކުރުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މަސް ކިރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާ ކަމަށްވެސް މިފްކޯއިން ބުންޏެވެ.

ތިނަދޫ ދެވަނަ ކްރޭނަށް ޖެހިފައިވާ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ކުންފުނީގެ އިންޖިނިއަރުން އެ މައްސަލަ ހައްލުވަންދެން މައްސަކްކަތް ކުރިޔަށްގެންދާނެ ކަމަށް މިފްކޯއިން ބުންޏެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްވެރިންނަށް އައިސް ލިބޭނޭ އިންތިޒާމުތައް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެކެވެ.

ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ހަދާ އައިސްޕްލާންޓްތަކުގެ މަސައްކަތް ލަސްވަނީ އިދާރީ ބައެއް ކަންކަން ހުރުމުން ކަމަށް ރައީސް ޑރ. މުއިއްޒު މިމަހުގެ އައްވަނަ ދުވަހު ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި ގދ. ރަތަފަންދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވުން ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ސައުދީ ފަންޑުގެ އެހީގައި ހަދާ އައިސް ޕްލާންޓްތަކުގެ މަސައްކަތަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ސައުދީ ފަންޑުގެ އެހީގައި ފަސް ރަށެއްގައި އައިސް ޕްލާންޓް ހެދުމަށް މިފްކޯއާ ވަނީ ހަވާލުކޮށްފައެވެ. އެ ޕްރޮޖެކްޓްގެ ދަށުން 50 ޓަނުގެ އައިސްޕްލާންޓް ބަހައްޓަން ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ހއ. އިހަވަންދޫ ށ. ކޮމަންޑޫ، ގދ. ރަތަފަންދޫގެ އިތުރުން އއ. ރަސްދޫގައެވެ.