ޚަބަރު

އާންމުންގެ ޒާތީ މައުލޫމާތު ހިއްސާކުރާ މައްސަލައިގައި ދެ މީހަކާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފި

އަހުމަދު ޖައިޝަން

"ހަކުޅި" ނަމަކަށް ކިޔާ އެޕްލިކޭޝަނެއް ބޭނުންކޮށްގެން އާންމުންގެ ޒާތީ މައުލޫމާތު ހިއްސާކުރާ މައްސަލައަކާ ގުޅިގެން ދެމީހަކާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލައިގައި އަބްދުﷲ ޝުހޫދު ކިޔާ މީހަކާއި އަބްދުﷲ އަބްދުއްރީމް ނަމަކަށް ކިޔާ މީހަކާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިންނެވެ.

އެ ސެންޓަރުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "ހަކުޅި" ނަމަކަށް ކިޔާ އެޕްލިކޭޝަނެއް ބޭނުންކޮށްގެން އާންމުންގެ ޒާތީ މައުލޫމާތު ހިއްސާކުރާ ކަމުގެ ގިނަ މައްސަލަތަކެއް ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ވަނީ ހުށަހަޅާފައި ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުގީގުތަކުން އެނގުނުގޮތުގައި އެ އެޕްލިކޭޝަން ސޯޝަލް މީޑިއާގައި އިޝްތިހާރުކުރަމުން ގެންދިޔައީ "ކެމްޕެއިން މެނޭޖްމެންޓް ޓޫލް" އެއްގެ ގޮތުގައި ކަމަށް ޕީއައިއެލްސީ އިން ބުނެއެވެ.

އެ އެޕްލިކޭޝަންގެ އިޝްތިހާރުން ދައްކާގޮތުގައި އާންމުންގެ ޒާތީ ގިނަ މައުލޫމާތުތަކެއް އާންމުކުރާ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

ޕީއައިއެލްސީއިން ބުނީ ބެލެވޭގޮތުގައި އެ އެޕްލިކޭޝަން ބޭނުންކޮށްފައިވަނީ ވިޔަފާރީގެ ބޭނުމަށް ނުވަތަ "ކޮމާޝަލް އެޑްވާންޓޭޖް"އަށް ކަމަށެވެ.

އެހެންކަމުން އެ ދެމީހުންނާ ދެކޮޅަށް ދައުވާކޮށްފައިވަނީ އެ ދެމީހުންނަކީ ހަކުޅި އެޕްލިކޭޝަނާ ގުޅުންހުރި ދެމީހުންނަށް ވާތީ ކަމަށް ޕީއައިއެލްސީން ބުނެއެވެ.