ޚަބަރު

2018ގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެޗްޑީސީއަށް 131 މުވައްޒަފުން ނެގި: އޮޑިޓް

މުހައްމަދު އިޝާން

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އުސޫލާހިލާފަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގިނަ ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން މިއަދު ވަނީ އެޗްޑީސީގެ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އާންމުކޮށްފައެވެ.

އެޗްޑީސީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެޗްޑީސީއަށް އިތުރަށް މުވައްޒަފުން ހޯދުމަށް 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު އެ ކުންފުނީގެ ބޯޑު ބައްދަލުވުމަކުން ފާސްކޮށްފައިވިޔަސް އިތުރު މުވައްޒަފުން ހޯދުމަށް ބޯޑަށް ހުށަހަޅާފައި ވަނީ އެއްވެސް ޑިޕާޓްމެންޓަކުން ނުވަތަ ސެކްޝަނަކުން މުވައްޒަފުން ބޭނުންވެގެން ކުރިން އެދިގެން ކަމެއް ލިބިފައިވާ ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

"އެޗްޑީސީން މި އޮފީހަށް ފޯރުކޮށްދީފައިވާ ހަމައެކަނި ލިޔުމުގައި ވަޒީފާ ދީފައިވާ މުވައްޒަފުންނަކީ ބައެއް ޑިޕާޓްމެންޓުތަކުން މުވައްޒަފުން މަދުވުމާ ގުޅިގެން މަސައްކަތްތަކަށް ބުރުއަރާކަކަމަށް ބުނެ އެ ޑިޕާޓްމެންޓުތަކުން އެދިގެން ނަގާފައިވާ މުވައްޒަފުންކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ލިޔުމުގައިވާ ތާރީހަށް ބަލާއިރު އެ ލިޔުން ތައްޔާރުކޮށްފައިވަނީ އިސްވެ ދެންނެވުނު ބޯޑު ބައްދަލުވުން ބާއްވާފައިވާ ތާރީހަށްވުރެ ފަހުގެ ތާރީހެއްގައިކަން ފާހަގަކުރެވޭ. އެހެންކަމުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާ ދެމެދު (12 ދުވަހުގެ މުއްދަތެއްގައި) އެޗްޑީސީއިން ވަޒީފާ ދީފައިވާ 131 މުވައްޒަފުންނަށް ވަޒީފާ ދިނުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވަނީ، ކުންފުންޏަށް މުވައްޒަފުން ހަގީގަތުގައި ބޭނުންވެގެންކަން ޔަގީން ނުކުރެވޭ،" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އެ 131 މީހުންނަށް ވަޒީފާ ދީފައިވަނީ އާންމުކޮށް އިއުލާންނުކޮށް ކަމަށެވެ. އެ މުވައަޒަފުންނާ އިންޓަވިއު ކުރުމުގައި ރެކްރޫޓްމެންޓް މާކްސް ޝީޓްތަކުގައި މައުލޫމާތު ފުރިހަމަކޮށްފައިނުވާ ކަމަށާއި އަދި ސިލެކްޝަން ކްރައިޓީރިއާ ތަފްސީލުކޮށް ނެތުމުގެ އިތުރުން އިންޓަވިއު ކުރިއަށް ގެންދިއުމުގައި ބައިވެރިވި ފަރާތްތަކުގެ މައުލޫމާތުވެސް ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

މީގެ އިތުރުން އަލަށް ވަޒީފާދިން 131 މުވައްޒަފުންގެ އަތްމަތީ ފޮތުގައި މުވައްޒަފުންނަށް ވަޒީފާ ދިނުމުގައި ކުރިން ބެކްގްރައުންޓް އަދި ރެފަރެންސް ޗެކް ހަދަން ޖެހޭ ކަމަށްވިޔަސް އެކަންވެސް ކޮށްފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

"އާންމުކޮށް ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކުންތަކަށް ބަލާއިރު 81 ފަރާތެއްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަނަވަރު، 131 ފަރާތެއްގެ ޕޮލިސް ރިޕޯޓް އަދި 116 ފަރާތެއްގެ ތައުލީމީ ސެޓްފިކެޓުތައް އެޗްޑީސީއަށް ހުށަހަޅާފައި ނުވޭ. އަދި އެ މުވައްޒަފުން ވަޒީފާއަށް ހޮވުމަށްފަހުވެސް އެ ލިޔެކިޔުންތައް ހޯދައި، ފައިލްކޮށްފައިނުވާކަން ފާހަގަކުރެވޭ،" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އެޗްޑީސީން އަމަލުކުރި ގޮތުގެ ސަބަބުން، ވަޒީފާތަކަށް މީހުން ހޮވުމުގައި ހާމަކަން ގެއްލި، ވަޒީފާއަށް އެދެން ބޭނުންވާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އެޗްޑީސީގެ މެނޭޖުމެންޓުން އެ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ގޮތާ ހިލާފަށް 150 މުވައްޒަފުން ނަގާފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އެގޮތުން އެޗްޑީސީއަށް ބޭނުންވާ އިތުރު މުވައްޒަފުން ހޯދުމަށް މެނޭޖުމެންޓުން، ޑިރެކްޓަރުންގެ ބޯޑުގައި ހުއްދަ އެދުމުން، ބޯޑުން 150 މުވައްޒަފުން ވަޒީފާއަށް ނެގުމަށް ހުއްދަދީފައިވާ ކަމަށާއި އެ ހުއްދަ ދީފައިވަނީ އެޗްޑީސީގެ ދެ ސެކްޝަނެއް ކަމަށްވާ ކްލީނިން އަދި ގްރީނިންއަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ،

"ނަމަވެސް، ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ގޮތާ ހިލާފަށް ކްލީނިން އަދި ގްރީނިން ސެކްޝަނަށް ޖުމުލަ 41 މުވައްޒަފުން ނެގުމަށްފަހު ކުންފުނީގެ އެހެނިހެން މަގާމުތަކަށް 90 މީހަކު ނަގާފައިވާކަން ފާހަގަކުރެވޭ. އަދި އެ ޕްރެޒެންޓޭޝަނުގައި ކުލީނާސް އަދި ގްރީނާސް ސެކްޝަނަން ނަގާ 150 މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް އަހަރަކު 12.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މައުލޫމާތު ދީފައިވީ ނަމަވެސް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ގޮތާ ހިލާފަށް ވަޒީފާތައް ހަމަޖައްސައި މީހުން ނަގާފައިވުމުން، އިތުރަށް ނެގި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް އަހަރަކު 1.2 މިލިއަން ރުފިޔާ، ކުރިން އަންދާޒާކުރެވުނު އަދަދަށްވުރެ އިތުރަށް ހަރަދުވާނެ ކަމަށް ލަފާކުރެވޭ،" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ އެޗްޑީސީން އިސްލާހު ކުރަންވީ ކަންކަމުގެ ލަފާ ދީފައެވެ. އެ ލަފާތަކުގެ ތެރޭގައި ކުންފުނީގެ މަސައްކަތްތަކަށް މުވައްޒަފުން ބޭނުންވާ އަދަދުތައް ކަނޑައެޅުން ހިމެނެއެވެ. އަދި ކޮންމެހެން ބޭނުންވާ މުވައްޒަފުން ހޯދުމާއި ވަޒީފާއަށް ކުރިމަތިލުމަށް ހަމަހަމަ ފުރުސަތު ދިނުމަށް ވަނީ ލަފާދީފައެވެ. އަދި އިންޓަވިއު ޕްރޮސެސްގެ ތެރެއިން މުވައްޒަފުން ވަޒީފާއަށް ހޮވުމަށާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ލިޔެކިޔުންތައް ބެލެހެއްޓުމަށް ވެސް ވަނީ ލަފާދީފައެވެ.