އިންޑިއާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
އަހުމަދު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިވަންކަމާ ތޮޅޭނަމަ މޭ ދިއްކޮށްގެން ދެންވެސް ނުކުންނާނީ ވޭތުވެދިޔަ އަހަރުތަކުގައި މަގުމަތީގައި ތިބި ރައްޔިތުން ކަމަށާއި ރައީސް ޔާމީން ދެކެ ބިރުން ތިބި ފިނޑިން ނޫން ކަމަށެވެ.
''ހަދާނެ ގޮތެއް ނޭނގުނީމަ ފޭކު އެކައުންޓްތަކުން މިއުޅެނީ ފިތުނަ އުފެއްދޭތޯ.'' މަހުލޫފު ވިދާޅުވިއެވެ. މަހްލޫފު މިހެން ވިދާޅުވީ ރައީސް ސޯލިހުގެ ނަމުގައ ފޭކް އެކައުންޓަކުން ކޮށްފައިވާ ޓުވީޓަކަށް އަމާޒުކޮށްފައެވެ.
މަހުލޫފު މިހެން ވިދާޅުވި އިރު އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އޭސީސީން ނެރުނު ރިޕޯޓުގައި އޭނާގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކުރި ކަން ވަނީ ހާމަވެފައެވެ. އަދި އެމައްސަލައިގައި ރައީސް ސޯހިލު ވަނީ މަހުލޫފު ގޭގައި މަޑުކުރެއްވުމަށް އަންގަވާފައެވެ.
ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު މަހޫލޫފު ދޮގުކުރެއެވެ. އަދި މިދިޔަ ހަފްތާގައި އޭސީސީއިންވެސް ވަނީ މަހުލޫފުގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާކަން އޭނާއަށް ސިޓީއަކުން އަންގާފައެވެ.