ޚަބަރު

މަޝްހޫރު ތަރިންގެ ކައިވެނި ހަފުލާތައް އެންމެ ގިނައިން ބާއްވަނީ މޮރޮކޯގެ މުރާކުޝްގައި!

ދުނިޔޭގެ އެއްވަނަ ގިންތީގެ މަޝްހޫރު ފަންނާނުންނާއި މަހުޖަނުންގެ ކައިވެނި ހަފުލާތަކާއި އެންގޭޖުމަންޓާއި އުފަންދުވަހުގެ ހަފުލާތައް ބޭއްވުމަށް ޚާއްސަ ރަށެއްގެ ގޮތުގައި މޮރޮކޯގެ މުރާކުޝް ސަހަރު މަޝްހޫރުވެއްޖެއެވެ.

އެންމެފަހުން މުރާކުޝްގައި ކައިވެނީގެ ހަފުލާއެއް ބޭއްވި މަޝްހޫރު ތަރިއަކީ ފްރާންސްގެ ފުޓްބޯޅަ ލެޖެންޑު ޒައިނުއްދީން ޒިދާނުގެ ދޮށީ ފިރިހެންދަރިފުޅު އެންޒޯ ޒިދާނެވެ. ޒިދާނާއި ކަރަން ގޮންސަލްވެޒްގެ ކައިވެނީގެ ފޮޓޯތައް ހުސްވި ހަފުތާގެ ހުކުރުދުވަހު އެ ދެމީހުންވަނީ މީސްމީޑިއާގައި އާއްމުކޮށްފައެވެ. އެންޒޯ ޒިދާނަކީ އޭނާގެ ބައްޕަހާ މަޝްހޫރު ކުޅުންތެރިއަކަށް ނުވިޔަސް އެއީވެސް ޕްރޮފެޝަނަލް ކުޅުންތެރިއެކެވެ.

އިނގިރޭސިވިލާތުގެ ޓެލެންޓް ޝޯއެއްކަމަށްވާ އެކްސް ފެކްޓަރގެ ތަރި ފްލައާ އީސްޓް ވަނީ ދާދިފަހުން މުރާކުޝްގައި އޭނާގެ ޒަމާންވީ ލޯބިވެރިޔާ މާސެލް ރޮބިންއާ ކައިވެނިކޮށް ބޮޑު ހަފުލާއެއްވެސް ބާއްވައިފައެވެ. އިނގިރޭސި ފިލްމީތަރި އިދްރީސް އެލްބާއާއި އޭނާގެ ލޯބިވެރިޔާ އަދި މޮޑެލް ސަބްރީނާގެ ކައިވެނީގެ ހަފުލާވެސް ދާދިފަހަކުން ބާއްވާފައިވަނީ މުރާކުޝްގައެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ އޭނާގެ 60 ވަނަ އުފަންދުވަހުގެ ހަފުލާ 2018 ވަނަ އަހަރު ބޭއްވީވެސް މުރާކުޝްގައެވެ. މެޑޯނާ ބުނެފައިވަނީ އެއީ ދުވަހަކުވެސް އޭނާއަށް ބޭއްވުނު އެންމެ ފުރިހަމަ އެންމެ ހިތްހަމަޖެހޭ ޕާޓީ ކަމުގައެވެ. މުރާކުޝްއަކީ ރަތް ސަހަރުގެ ނަމުންވެސް މަޝްހޫރުވެފައިވާ ރަށެކެވެ. އެޓްލަސް ފަރުބަދަތަކުގެ ކައިރީގައިވާ މިސަހަރަކީ ވަރަށްވެސް ތާރީޚީ އަދި ހިތްގައިމު ސަހަރެކެވެ.