ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޝަކުވާގެ ފަރުވާއަކީ އެޖެންޑާ 19 ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީއިން ހުށަހަޅާ 19 ގާނޫނީ އޮނިގަނޑާއެކު އެޖެންޑާ19 އެކުލަވައިލާފައިވަނީ ރައްޔިތުންގެ ގާތަށް އެމްޑީޕީއިން ގޮސް، ދޮރުން ދޮރަށް ހިނގައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ޚިޔާލުތައް އަޑުއެހުމަށްފަހު ކަމާބެހޭ އިލްމާއި ހިލްމުގެ އަލީގައި ކަމަށެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ހުށަހަޅާ 19 ގާނޫނީ އޮނިގަނޑު ތަރުތީބުވަނީ މައިގަނޑު ފަސް ސުރުޚީގެ ދަށަށް ކަމަށް އެޕާޓީން ބުނެފައިވެއެވެ. އެއީ އިންސާފު، އޯގާތެރި ސަރުކާރު، ފަހުރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިގްތިސާދެވެ.
އެޖެންޑާ19ގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަށަވަރުކޮށްދެނީ އަދުލް އިންސާފާއި، ދައުލަތް ޖަވާބުދާރީ ކުރުވުން ކަމަށް ބުނެފައިވެއެވެ.
އިތުބާރުހުރި ސިއްހީ ނިޒާމާއި، ވަޒީފާ ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް އިނާޔަތާއި، އެންމެ ކުޑަމިނުން ހަލާލު މަސައްކަތަށް ދޭން ލާޒިމުވާ އުޖޫރައާއި ބޯހިޔާވަހިކަމާއި، އެއް ޕަސެންޓް އިންޓްރެސްޓްގައި ކިޔަވާކުދިންގެ ލޯނާއި ގޮއެފާލައްބަތަކާއި ވިލުފަޅުތައް ހިމާޔަތްކުރުމާއި ނަޒާހަތްތެރި މަޖިލިހެއް ބިނާކުރުމާއި، ލާމަރުކަޒީ ނިޒާމެއް އެޖެންޑާ 19 ގައި އެކުލަވާލާފައިވާކަމަށް އެޕާޓީން ބުނެފައިވެއެވެ.
އަދި ފެނާއި ކަރަންޓު އަގުހެޔޮކުރުމާއި، މަހަށް ހަމަ އަގު ހޯދުމާއި، ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކުރުމާއި، އެގްރި ވިޔަފާރި ފަހިކުރުމާއި، ދަތުރުފަތުރުގެ ވިއުގައަކުން ރާއްޖެ ގުޅުވާލުންވެސް އެޖެންޑާ 19 ގައި ހިމެނެއެވެ.
އެމްޑީޕީން ބުނީ އެޕާޓީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރަން އުޅޭ މަސައްކަތް ސާފު ކަމަށާއި އެއީ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯ އަދި ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގައި ހަގީގީ ކުލަޖެއްސުމުގެ މަސައްކަތް ކަމަށެވެ.