ޚަބަރު

އެމްކިއުއޭ އިން އެކްރެޑިޓް ނުކުރާ ކޯސްތަކެއް ހިންގާ ވާހަކަ އެވިޑުން ދޮގުކޮށްފި

މުހައްމަދު އިޝާން

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުނުކުރާ ކޯސްތަކެއް އެ ކޮލެޖުން ހިންގާ ކަމަށް ބުނެ އެ އޮތޯރިޓީން ނެރުނު ބަޔާން އެވިޑް ކޮލެޖުން ދޮގުކޮށްފިއެވެ.

އެމްކިޔުއޭއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެ އޮތޯރިޓީން އެކްރެޑިޓް ނުކުރާ ދެ ކޯހެއް އެވިޑް ކޮލެޖުން އިންސްޓަގުރާމްގައި އިސްތިހާރުކޮށްފައިވާ ކަމަށެވެ. އެ ދެ ކޯހަކީ އޭސީސީއޭ އެޕްލައިޑް ނޮލެޖް ލެވެލް 5 އަދި އޭސީސީއޭ ސްޓްރެޓިޖިކް ޕްރޮފެޝަނަލް ލެވެލް 8 ކަމަށް ވެސް ބުނެފައިވެއެވެ.

އެ ވާހަކަތަކާ ގުޅިގެން އެވިޑް ކޮލެޖުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ދެ ޕްރޮގްރާމަކީވެސް އެމްކިޔުއޭއިން ހުއްދަދީފައިވާ ދެ ޕްރޮގްރާމް ކަމަށެވެ. ނަމަވެސް އެ ދެ ކޯސް އިސްތިހާރު ކުރުމަށް ހެދި ސޯޝަލް މީޑިއާ ޕޯސްޓުގައި ޕްރޮގުރާމްގެ މުއްދަތާއި ލެވެލް ބަޔާން ކުރުމުގައި ކުށެއް ލިޔެފައިވާ ކަމަށާއި އެ ކުށް އިސްލާހުކޮށްފައިވާ ކަމަށް ބުންޏެވެ.

އެގޮތުން އެ ކޮލެޖުން ހިންގަން ހަމަޖެހިފައި ވަނީ އޭސީސީއޭ އެޕްލައިޑް ނޮލެޖް ލެވެލް 6 އަދު އޭސީސީއޭ ސްޓްރެޓިޖިކް ޕްރޮފެޝަނަލް ލެވެލް 7 ގެ ކޯސް ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.

"ލިޔެވިފައިވާ ކުށް މި ކޮލެޖުގެ ސަމާލުކަމަށް ރަސްމީކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންނެވީ އެކަމާ ގުޅޭ ގޮތުން ނޫސް ބަޔާނެއް ނެރުއްވުމަށްފަހު އެ ނޫސް ބަޔާނުގެ ނަކަލާއެކުގައެވެ. މިގޮތަށް އެމްކިޔުއޭ އިން އަމަލުކުރެއްވުމުގެ ސަބަބުން، އިސްތިހާރު ވަގުތުން އިސްލާހުކުރުމަށް އޮތް ފުރުސަތު މި ކޮލެޖަށް ގެއްލި ދިޔައެވެ. ހަމަ އެހެންމެ، ނުނިޔަތެއްގައި އިސްތިހާރު ކުރި ކަމުގައި ދޭހަވާ ފަދަ ގޮތަކަށް ނޫސްބަޔާން ނެރުއްވާފައިވާތީވެސް މި ކޮލެޖުން ހިތާމަ ކުރަމެވެ" އެވިޑް ކޮލެޖުން ބުންޏެވެ.

އެވިޑް ކޮލެޖުން ބުނީ، އެމްކިޔުއޭ އިން މަތީ ތައުލީމު ދޭ މަރުކަޒުތަކުން ކުރާ މަސައްކަތް ވަޒަންކޮށް ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މަތީ ތައުލީމު ދޭ މަރުކަޒުތަކަށް ކުރިއަރުވަން މަގު ދެއްކުމަކީ އެމްކިޔުއޭއަށްވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް ބުންޏެވެ.