ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސީއެމްއެސްގައި ރާއްޖެއިން ބައިވެރިވުމާއިމެދު ގޮތެއް ނިންމުމަށް މަޖިލީހަށް ފޮނުވަން ރައީސް ނިންމަވައިފި

ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ތިމާވެއްޓާއި ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން ދަ ކޮންޒަވޭޝަން އޮފް މައިގްރޭޓަރީ ސްޕީސިސް އޮފް ވައިލްޑް އެނިމަލްސް، (ސީ.އެމް.އެސް)" ގައި ރާއްޖެއިން ބައިވެރިވުމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިވިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ސޯލިހު، އެގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު ވަޒީރުން ދެއްވި ލަފަޔާއެކުގައެވެ.

ސީއެމްއެސް އަކީ ކަނޑާއި އެއްގަމާއި ވައިގެމަގުން އެއްތަނުން އަނެއް ތަނަށް ހިޖުރަކުރާ ދިރުންތަކާއި އެތަކެތީގެ މާހަލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް 127 ގައުމަކުން ބައިވެރިވެ އަމަލުކުރަމުންދާ މުހިއްމު މުއާހަދާއެކެވެ.

ބައިނަލްއަގްވާމީ ގޮތުންނާއި ދިވެހިރާއްޖޭގެ ގައުމީ ފެންވަރުގައިވެސް ރައްކާތެރިކޮށް ހިމާޔަތްކުރުން މުހިއްމު، ސީއެމްއެސްގެ ދަށުން ބަލަހައްޓާ ދިރުންތަކުގެ ތެރޭގައި އެކި ބާވަތްތަކުގެ މިޔަރާއި ވެލާކަހަނބާއި ދޫންޏާއި ކޯމަހާއި ބޮޑުމަހާއި، އަދި މަޑީގެ ބާވަތްތައް ހިމެނެއެވެ.

ސީއެމްއެސް ގައި ރާއްޖެއިން ބައިވެރިވުމުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އޭގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ފެނުއަޑީގެ ދިރުންތަކާއި އެއްގަމުގެ ދިރުން ތަކާއި އަދި ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެންމެންގެ ބައިވެރިވުން ހާސިލްވުމަށް މަގުފަހިވެގެންދިއުމާއި ނޭޝަނަލް ބައޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން 2016 – 2025 ގެ ދަށުން އެކުލަވާލެވިފައިވާ ބައެއް އަމާޒުތައް ހާސިލްވެގެންދިއުން ހިމެނެއެވެ.

މީގެއިތުރުން މި ދިރުންތައް ހިމާޔަތްކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މައިގަނޑު އިގްތިސޯދީ ސިނާއަތްތައް ކަމަށްވާ ފަތުރުވެރިކަމަށާއި މަސްވެރިކަމަށް ވެސް ގިނަގުނަ ފައިދާ ތަކެއް ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.