ގއ. ދެއްވަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއު ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
އާބާދީގައި 1،386 މީހުން ދިރިއުޅޭ ދެއްވަދޫއަކީ މުރާލި މަސްވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. އެގޮތުން އެ ރަށުގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ ނުވަ އޮޑިފަހަރު އޮންނަ އިރު، އޮޑިފަހަރު އެހެލައި ބަނުމުގެ މަސައްކަތްކުރާ ދެ ހަރުގެ ހުރެއެވެ.
އެމްޓީސީސީން ބުނީ ޅޮހީ ރައްޔިތުން އެ ރަށުގައި ދިރިއުޅެމުން ދަނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށާއި ސަބަބަކީ ދެއްވަދޫގެ ރައްޔިތުންނަކީ ޒަމާނުއްސުރެ ރަށް ގިރުމުގެ ބިރުވެރިކަން ތަހައްމަލުކުރަމުން އައިސްފައިވާ ބަޔަކަށްވުން ކަމަށެވެ.
ރަށްގިރުމުގެ ސަބަބުން ވަށައިގެން އެތަކެއް ގެއްލުމެއް އެ ރަށަށް މިހާރުވެސް ވަނީ ލިބިފައެވެ. އެގޮތުން ގޮނދޮށުގެ ބޮޑު ބައެއް ގިރައި ހުސްވެފައިވާ އިރު، އެތައް ރުއްގަހެއްވެސް ވަނީ ވެއްޓި ނެތިގެން ގޮސްފައެވެ. މުޅި ރަށް ވަށައިގެން ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާ އިރު، އެކަމުގެ ނޭދެވޭ އަސަރު މީހުން ދިރިއުޅޭ ގެވަޅުތަކާ ހިސާބަށް ފޯރާފާނެކަމުގެ ބިރު މިހާރު ވަނީ ހީވާން ފަށައިފައެވެ.
އެމްޓީސީސީން ބުނީ މިއަދު ސޮއެކުރެވިގެންދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ސަބަބުން މުޅި ދެއްވަދޫގެ ގޮނޑުދޮށުގެ ތިންބައިކުޅަ ދެބަޔަށްވުރެ ބޮޑު ސަރަހައްދެއް އެއްކޮށްހެން ގިރުމުން ސަލާމަތްކުރެވޭނެ ކަމަށާއި އެހެންކަމުން މިއީ ހަމަގައިމުވެސް ދެއްވަދޫގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ހޯދައިދީ، ރައްޔިތުންނަށް އެތައް ގުނައަކުން އުފާވެރިކަމާއި ތަސައްލީ މުސްތަގުބަލުގައި ގެނުވާނެ މުހިއްމު މަޝްރޫއެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ދެއްވަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ދަށުން، 440 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 120 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 20،200 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
އެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހުއެވެ. އެ މަޝްރޫއަކީ 22.79 މިލިއަން ރުފިޔާއަށް 210 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.