މާލެ ތެރެއިން ކުނި ނަގައި ސާފުކޮށް ބެލެހެއްޓުމަކީ މާލޭ ސިޓީ ކައުންސިލުން ހީކުރާހާ ފަސޭހަކަމެއް ނޫން ކަމަށާއި އެ މަސައްކަތް ނުކުރެވޭކަމަށްވާނަމަ ވެމްކޯއަށް އެ މަސައްކަތް އަލުން ހަވާލުކުރުމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވެއްޖެއެވެ.
މާލޭ ސަރަހައްދުގެ ޕާކުތަކާއި މަގުތަކާއި މައިޒާންތައް އަދި ގަވާއިދާ ހިލާފަށް މަގުމައްޗަށް އަޅާފައިވާ ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ހަމަވުމުން ސިޓީ ކައުންސިލުން ނިންމީ އެއްބަސްވުން އާ ނުކުރުމަށެވެ.
ސިޓީ ކައުންސިލުން މިދިޔަ ސެޕްޓެމްބަރު މަހުގެ ދިހަވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިޓީ ކައުންސިލުން އެ ހިދުމަތްތައް ދިނުމަށް ނިންމީ ހަރަދު ކުޑަކުރަން ކަމަށެވެ. މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި ސާފުކޮށް ބެލެހެއްޓުމަށް މަހެއްގެ މައްޗަށް 2.5 މިލިއަން ރުފިޔާ ހަރަދުކުރާ އިރު، މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނިތައް ގިނަވެ މަގުމަތީގައި ހިނގައިބިނގާވެ އުޅޭ މީހުންނާއި އުޅަނދު ދުއްވާ މީހުންނަށް ދަތި އުނދަގޫތަކެއް ކުރިވަމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މަގުތަކުން ކުނިތައް ނެގުން ލަސްވަމުންދާ ކަމުގެ ޝަކުވާވެސް ކުރަމުންދާ ކަމަށާއި ވެމްކޯއިން އެކަށީގެންވާ ގޮތެއްގައި އެ ހިދުމަތްތައް ފޯރުކޮށްދެމުން ނުދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިރާޖު ވިދާޅުވީ، އެ މަސައްކަތްކުރުމަށް ސިޓީ ކައުންސިލުން ހަވާލުވީ އެއީ ވަރަށް ފަސޭހަ މަސައްކަތްތަކެއް ކަމަށް ބަލައިގެން ކަމަށާއި ނަމަވެސް މިހާރު ފެންނަނީ އެ މަސައްކަތް ސިޓީ ކައުންސިލަށް ނުކުރެވިގެން އުޅޭ މަންޒަރު ކަމަށެވެ.
"މިއަދު ސިޓީ ކައުންސިލަށް ޔަގީންވެގެން ހިނގައްޖެ މިކަމަކީ ސިޓީ ކައުންސިލުން އެ ހީކުރި ވަރަށްވުރެ މާ ބުރަ ބޮޑު މަސައްކަތެއްކަން. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ ސިޓީ ކައުންސިލަށް އެކަން ނުކުރެވޭކަމަށް ވަންޏާ ވެމްކޯއާ ހަވާލްކޮށްދެއްވާށޭ،" ސިރާޖު ވިދާޅުވިއެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ވެމްކޯއިން ރޭ ނަގަން ޖެހޭ ކުނި ނަގާފައި ނުވާ ކަމަށާއި މިއަދު ސިޓީ ކައުންސިލުން ވަނީ 22 ޓަނުގެ ކުނި ނަގާފައި ކަމަށެވެ. ގޭބިސީތަކުން މަގުމައްޗަށް ނެރޭ ކުނި ނެގުމަކީ ވެމްކޯގެ ޒިންމާއެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ސިރާޖު ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒުގެ އެ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ. ސިރާޖު ވިދާޅުވީ އެ ވާހަކަތަކަކީ މާލޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ އަދަދު ސިޓީ ކައުންސިލަށް ނޭނގުމުގެ ސަބަބުން ދައްކަވާ ވާހަކަތެއް ކަމަށެވެ.
"މިއަދު މާލޭގައި އުފެދޭ ކުނީގެ އަދަދަކީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ހަމައެކަނި ވެޓް ވޭސްޓް 200 ޓަނު އިނގޭތޯ. މިއީ އަޅުގަނޑުމެން ކުރާ އެސްޓިމޭޓެއް ނޫން. މިއަކީ އަޅުގަނޑުމެން ތިލަފުށްޓަށް ގެންގޮސްފައި ކިރާފައި ހާމަކުރި އަދަދު. އެހެންވީމާ 200 ޓަނުގެ އަނެއް ދިހަ ޕަސަންޓުގެ ވާހަކަ ސިޓީ ކައުންސިލުން ތި ވިދާޅުވީ. އަޅުގަނޑުމެން މިބުނީ އަޅުގަނޑުމެންނަށް ރަޖިސްޓްރީ ކޮށްގެން ހިދުމަތް ދެވެނީ ގާތްގަނޑަކަށް މާލޭގެ ގޭބީސީގެ 25،000 މީހުންނަށޭ. އެކަމަކު މާލޭގައި ގާތްގަނޑަކަށް އާބާދީއަށް ބަލާއިރު 60،000 އަށްވުރެ ގިނަ ގޭބީސީތައް ދިރިއުޅޭ ކަމަށްވޭ. އެހެންވީމާ އަޅުގަނޑަށް ހީވަނީ އަދިވެސް ސިޓީ ކައުންސިލަށް ނެގޭ އަދަދު މަދުކަން ނޭނގެ. އެހެންވީމާ އަދި ވަރަށް ގިނަ އަދަދެއް ސިޓީ ކައުންސިލަށް ނުނެގި އެބަވޭ،" ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ ވެމްކޯގެ މުވައްޒަފުންނާއި މެނޭޖުމެންޓުން ތިބީ މާލެތެރެ ސާފުކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ވެސް ފަށަން ތައްޔާރަށް ކަމަށެވެ.
ވެމްކޯގައި ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުން ނެރޭ ކުނި ނުނުގާ ކަމަށް ޑރ. މުއިއްޒު ވިދާޅުވުމުން، އެކަމާ ގުޅިގެން ސިރާޖު ވިދާޅުވީ، އެ ކުންފުނީގައި ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުން މަގުމައްޗަށް ކުނި ނުނެރޭނެ ކަމަށާއި ސިޓީ ކައުންސިލުން މަސައްކަތްކުރަނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި ވެމްކޯއަށް ޖެއްސުން ކުރަން ކަމަށެވެ.