ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ލިބިވަޑައިގެންނެވީ ވަރަށް ހިތި ނާކާމިޔާބީއެއް ކަމަށާއި އެކަން އެމަނިކުފާނު ގަބޫލުފުޅުކުރައްވަން ބޭނުންނުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ ފަރާތްޕުޅުން އިންޑިއާއަށް ކުރައްވަމުންދާ ދަތުރުގެ ތެރެއިން އިންޑިއާގެ ވިއޮންއަށް ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ނަތީޖާގައި ދެ ކެންޑިޑޭޓުންގެ ދެމެދުގައި ބޮޑު ފަރަގެއް އެބައޮތް ކަމަށާއި އެކަމާ ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން ވަނީ ރަސްމީ ނަތީޖާ އިއުލާންކޮށްފައި. ދެ ކެންޑިޑޭޓުންގެ ދެމެދުގައި ބޮޑު ފަރަގެއް އެބައޮތް. އެހެންވީމާ އެކަމާ ވާހަކަދައްކައި، ސުވާލު އުފައްދާނެ ޖާގައެއް ނެތް. ރައީސް ޔާމީނަށް ލިބިވަޑައިގެން އެދިޔައީ ވަރަށް ހިތި ނާކާމިޔާބީއެއް. އަދި އެމަނިކުފާނު އެ ނަތީޖާ ގަބޫލުކުރާކަށް ބޭނުމެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ ނަތީޖާ ގަބޫލުފުޅު ނުކުރައްވާ ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ކަމަށާއި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކޯޓުން އިންސާފުވެރި ނިންމުމެއް ނިންމާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް މައުމޫންގެ އާއިލާގެ އިތުރުން އެތައް ބަޔަކު ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހުނު ކަން ވެސް ދުންޔާ ފާހަގަކުރެއްވިއެވެ.
"ގިނަ ރައްޔިތުންތަކެއް އުޅެން ޖެހުނީ ބިރުވެރިކަމެއްގެ ތެރޭގައި. ކޯޓުތައް ބޭނުންކޮށްގެން ރައީސް ޔާމީން، ކުށެއްނެތް އެތައް ބަޔަކު ތުހުމަތުތަކެއްގައި ހައްޔަރުކުރި. އޭގެ ތެރޭގައި އަޅުގަނޑުގެ ބައްޕަ ހައްޔަރުކުރުމުން އަޅުގަނޑުގެ މަންމައަށާއި އާއިލާއަށް އަސަރުކުރި. ގިނަ ސިޔާސީ ފަރާތްތަކަށް ވެސް. މިފަދަ ހާލަތެއް ރާއްޖެއަށް ކުރިމަތިވުމުން ވަރަށް ހިތާމަކުރަން،" އޭނާ ވިދާޅުވިއެވެ.
ދުންޔާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ނިންމުމުން އެނގިގެންދިޔައީ ރައީސް ޔާމީނަށް އެ ފުރުސަތު ދެއްވަން ބޭނުންނުވާކަން ކަމަށާއި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ފެނިގެންދިޔައީ ރާއްޖޭގެ ރައްޔިތުން މިނިވަންކާއި ޑިމޮކްރަސީ އަދި ހައްގުތަކަށް ވޯޓުލީ މަންޒަރު ކަމަށެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކޮށްދިނުމަށް އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފައެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ނިންމާލި އިރު، ދެވަނަ އަޑުއެހުން މާދަމާ ހެނދުނު 10:30އަށް ވަނީ ތާވަލުކޮށްފައެވެ.