ދައުލަތުން އެންމެ ރުފިޔާއެއްވެސް ވަގަށް ނުނަގާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ އަންހެނުންގެ ވިންގުގެ ލީޑަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދުންޔާ މިހެން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލައިގެ ތަހްގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެކަމަނާ މިއަދު ހާޒިރުކުރުމުން ކުރެއްވި ޓުވީޓެއްގައެވެ.
"ސިޔާސީ ތުހުމަތުތަކާއި ދޮގާއި ފުރައްސާރަ، ސަރުކާރާއި ދިވެހި ރައްޔިތުންގެ އެންމެ ރުފިޔާއެއްވެސް އަޅުގަނޑު ވަގަށް ނުނަގަން. މިއަދު ވަނީ އަޅުގަނޑު އޭސީސީއަށް ހާޒިރުކޮށްފައި، އިންސާފާއި ތެދަށް އަބަދުވެސް ވަކާލާތު ކުރާނަން" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ އޭސީސީއަށް ހާޒިރުކުރުމަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުގައި އޭނާ އޭސީސީއަށް ހާޒިރުކުރަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެމްއެމްޕީއާރްސީ ބޭނުންކޮށްގެން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށާއި އެ ދުވަސްވަރު ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށްދޫކޮށްގެން ލިބުނު ފައިސާއަށްވެސް ހިޔާނަތްތެރިވާ ކަމަށް ތުހުމަތުކުރެވޭއިރު އެ ފައިސާ ދުންޔާއަށްވެސް ލިބުނު ކަމަށް ބެލެވޭ މައްސަލައިގައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ތަގުގީގުކޮށް އެކަމުގައި ހިމެނޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތުކުރާ މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ ހިމެނޭ ގޮތަށް އެކުލަވާލި ޖޮއިންޓް ކޮމިޓީއާ ހިއްސާކޮށްފައިވެއެވެ. އެ ލިސްޓު ކަމަށް ބުނާ ލިސްޓެއް އޭރު ލީކުވެފައިވެސް ވެއެވެ. އެ ލިސްޓުގައި ކުރީގެ ސަރުކާރާއި މިހާރު މި އޮތް ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެންބަރުންނާއި މިހާރު ތިއްބެވި ބައެއް މެންބަރުން ހިމެނޭހެން 281 މީހެއްގެ ނަން އޮތެވެ.
އެ ލިސްޓްގައިވާ ގޮތުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ދުންޔާއަށް ދެ ލައްކަ ރުފިޔާ ނުވަތަ 13،000 ޑޮލަރު ލިބިފައިވެއެވެ. ނަމަވެސް އެ ހިޔާނާތުގައި އެއްވެސް މިންވަރަކަށް ބައިވެރިނުވާ ކަމަށް ދުންޔާ ވިދާޅުވެފައިވެއެވެ.
ދުންޔާ "ވަން" އަށް މިއަދު ވިދާޅުވީ، ދައުރުވީ ސައްހަ ލިސްޓެއް ނޫން ކަަށާއި އޭގައި އެކަމަނާއަށް ދެ ލައްކަ ރުފިޔާގެ ތުހުމަތެއް ކުރުންވެސް ގިނަ ބަޔަކަށް ވަނީ ޖޯކަކަށް ކަމަށެވެ. އެއީ ދެ ލައްކަ ރުފިޔާ ހޯދުމުގެ މާލީ ތަނަވަސްކަން ހުރުމުން ކަމަށް ވިދާޅުވިއެވެ. ދުންޔާ ގަބޫލު ކުރައްވާ ގޮތުގައި އެ ތުހުމަތުތައް އޭނާއަށް ކުރަނީ ސިޔާސީ މަންފާއެއް ހާސިލު ކުރުމަށެވެ.