ޚަބަރު

މަންދޫ ބަނދަރުގެ 57 ޕަސެންޓް މަސައްކަތް ނިންމާލައިފި

އދ. މަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 57 ޕަސެންޓް މަސައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތްކުރާ އެމްޓީސީސީން މިއަދު ބުނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފުރިހަމަކޮށް، އާ ހާބަރު ބޭސިންއާއި ނެރު ފުންކުރުމުގެ މަސައްކަތް ވެސް ނިންމާލާފައިވާ ކަމަށެވެ. އަދި މަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 57 ޕަސަންޓް މަސައްކަތް ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 65,854 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 319 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ.

އޭގެ އިތުރުން 71 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1180 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ 31.08 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.