ޚަބަރު

ޕްލޭން ނިމިގެންދާއިރު މީހުން މެރުމާއި ވައްކަމާއި ފޭރުމާއި، ބޮޑެތި ކުށްތަކުން މުޖުތަމައު ސަލާމަތްކުރެވޭނެ

އިބްރާހިމް ޒަކީ

ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކަށައެޅި، ނިމިގެންދާއިރު މީހުން މެރުމާއި ވައްކަމާއި ފޭރުމާއި، ބޮޑެތި ކުށްތަކުން މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުންނަށް މަގުފެނިގެންދާނެކަމަށް ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ތައްޔާރުކުރާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމަށް ފުލުހުންނަށް ބޭއްވި ސިމްޕޯޒިއަމް ނިމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވައްކަމާއި ފޭރުމަކީ ފަހަކަށް އައިސް އިންތިހާއަށް އިތުރުވެފައިވާ ކަންތައްތަކެއް ކަމަށާއި އެކަންކަން ހައްލު ކުރުމަށް، އެ ޕްލޭނުން ފުލުހުންނަށް މަގު ދައްކައިދޭނެ ކަމަށެވެ.

"ރާއްޖޭ ގައި މިއަދު އިތުރުވަމުންއަންނަ ބޮޑެތި މާރާމާރީތަކާއި ރައްޔިތުންގެ މުދަލާއި ފުރާނައަށް ގެއްލުންދެނިވި ބޮޑެތި ކުށްތަކުން މުޖުތަމައު ސަލާމަތްކޮށްދެނިވި ރަނގަޅު މިންގަނޑުތަކެއް ޕްލޭންގެ ތެރޭގައި ހިމެނިގެންދާނެ. އަދި ވައްކަމާއި ފޭރުމަކީ ފަހަކަށް އައިސް އިންތިހާއަށް އިތުރުވެފައިވާ ކަންކަން ކަމުގައިވާއިރު މިކަންކަމުގައި ހައްލެއް ގެނައުމަށް ފުލުހުންނަށް މަގު ދައްކައިދޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާ ރާއްޖޭ ގައި ފެތުރިގެންދާހިނދު އެކަމުގައި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދޭފަދަ ރަނގަޅު ޕްލޭނެއް ވެސް މީގެ ތެރެއިން ދައްކައިދީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ހެޔޮ ބަދަލެއް ގެނެސް ދެވޭނެ ކަމަށެވެ.

އަދި މި ޕްލޭންގެ ތެރެއިން ކަންތައްތައް ތަންފީޒު ކުރަމުންދާއިރު، ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، އޯގާތެރިކަމާއެކު ގާނޫނު ތަންފީޒުކުރާ ބަޔަކަށް ފުލުން ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.