ޚަބަރު

ރާއްޖޭގައި އަލަށް ބާއްވާ ރީޓެއިލާސް އެކްސްޕޯ ބުރާސްފަތި ދުވަހު ފަށަނީ

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ރީޓެއިލާސް އެކްސްޕޯ، އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފިއެވެ.

މިއީ ޔުނިޓީ ރީޓެއިލާސް އެކްސްޕޯ ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި އެކްސްޕޯ އަކީ ރީޓެއިލް ވިޔަފާރިތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް އެއްތަނަކުން ބޮޑު އޯޑިއަންސްއަކަށް މާކެޓް ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

ޔުނިޓީ އިވެންޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ މި އެކްސްޕޯ ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ދަރުބާރުގޭގައެވެ. ދިހަ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި އެކްސްޕޯ އަންނަ ޖެނުއަރީ މަހުގެ ހަތްވަނަ ދުވާހާ ހަމައަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން މެންދަމު 12:00 އަށް ކުރިއަށްދާނެއެވެ.

ރީޓެއިލާސް އެކްސްޕޯއާ ބެހޭގޮތުން ޔުނިޓީ އިވެންޓްސްގެ ސީއީއޯ އާމިނަތު މާޝާ ވިދާޅުވީ މި އެކްސްޕޯގައި ބައިވެރިވާ ވިޔަފާރިތަކަށް އެފަރާތްތަކުގެ މުދާ ނުވަތަ ހިދުމަތް ގާތްގަނޑަކަށް 50،000 އާއި 80،000 އާ ދެމެދުގެ ކަސްޓަމަރުންނަށް މާކެޓުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މި ދުވަސްވަރަކީ ސްކޫލު ބަންދާއި އަހަރު ނިމޭ ދުވަސްވަރަށް ވާތީ، ކުރިއަށް އޮތް އަހަރަށް ބޭނުންވާ ތަކެތި ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށްވެސް މި އެކްސްޕޯ ވެގެންދާނީ ވަރަށް ބޭނުންތެރި އެކްސްޕޯއަކަށް ކަމަށާއި މިއީ ރީޓެއިލް ވިޔަފާރިތަކުގެ އަމިއްލަ އުފެއްދުންތައްވެސް ދައްކާލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށްވެސް ވިދާޅުވިއެވެ.

މިފަހަރުގެ އެކްސްޕޯގައި މިހާތަނަށް 150 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ، އެފަރާތްތަކުގެ އަމިއްލަ އުފެއްދުންތަކާއި އިމްޕޯޓް މުދަލުގެ ތަފާތު އުފެއްދުންތަކާއި ކާބޯތަކެތި އަދި ހިދުމަތްތައް ދައްކާލާނެއެވެ. އޭގެ ތެރޭގައި ގޭމިން ސްޓޯލުތަކާއި ފުޑް ސްޓޯލުތަކާއި އެހެނިހެން ތަފާތު ސްޓޯލުތައް ހިމެނެއެވެ.

މާޝާ ވިދާޅުވިގޮތުގައި އެކްސްޕޯގައި ވިޔަފާރިތަކަށް އެ ފަރާތްތަކުން ވިއްކާ މުދަލުގެ ސާމްޕަލް ދައްކާލައި، އެމީހުންގެ މުދާ ވިއްކުމުގެ އިތުރުން އާ އުފެއްދުންތައް ލޯންޗު ވެސް ކުރެވޭނެއެވެ. އަދި ވިޔަފާރިތަކަށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި ކްރޮސްރޯޑްސްގައި ވިޔަފާރިކުރުމަށް ސްލޮޓެއް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

މި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިތަކަށާއި ސްޕޮންސަރަކަށް ވާން ބޭނުންވާ ފަރާތްތަކަށް އަދިވެސް ވަރަށް ޝައުގުވެރި ސްޕޮންސާޝިޕް ފުރުސަތުތަކެއް ވަނީ ހުޅުވާލައިފައެވެ. އެގޮތުން މި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7893653 އަށް ވައިބާ ނުވަތަ ވަޓްސްއެޕް ކޮށްލުމުން މި އިވެންޓާ ބެހޭ އިތުރު މައުލޫމާތު ލިބިގެންދާނެއެވެ.

މި އިވެންޓުގެ މެއިން ސްޕޮންސަރަކީ ދިރާގެވެ. އަދި އެކްސްކްލޫސިވް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ.