ޚަބަރު

އިންޑިއާގެ އެހީގައި އައިޖީއެމްއެޗްގެ އިމާރާތް މަރާމާތު ކޮށްދެނީ

އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ އައިޖީއެމްއެޗްގެ އިމާރާތް، މަރާމާތު ކުރުމުގެ މަޝްރޫއެއް، އިއްޔެ ރާއްޖެ ވަޑައިގެންނެވި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު ފައްޓަވައި ދެއްވައިފިއެވެ.

އެކަމަނާ މި މަޝްރޫއު ފައްޓަވައި ދެއްވާފައިވަނީ، އިއްޔެ އައިޖީއެމްއެޗް އަށް ކުރެއްވި ޒިޔާރަތެއްގައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްތަރު ރާއްޖެއަށް ކުރެއްވި މި ދަތުރު ފުޅުގައި ދެ ގައުމުގެ އިސްބޭފުޅުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ނެރުނު ޖޮއިންޓް ސްޓޭޓްމަންޓުގައި ވަނީ އައިޖީ އެމްއެޗްގެ މަރާމާތުގެ މަޝްރޫއުގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް އިތުރު ވަސީލަތްތައް އިންޑިއާ އިން ފޯރުކޮށްދިނުމަށް ހިމަނައިފައެވެ.

މިނިސްތަރު ސުޝްމާގެ މި ދަތުރު ފުޅުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާގެ އެހީދިނުމަށް ވަނީ އެއްބަސްވެފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް ހިލަވެލި އެތެރެ ކުރުމުގެ އިތުރުން އާއްމު ކާބޯތަކެތި އެތެރެ ކުރުމުގެ މުއްދަތު އިތުރު ކުރުމަށް ނިންމުމުގެ އިތުރުން ވިސާގެ ބައެއް ލުއިތައް ދިނުމަށްވެސް ވަނީ ނިންމަވައިފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްތަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމައި ލުމަށްފަހު ފުރާވަޑައުގެންފައި ވަނީ މިއަދު ހަވީރުގައެވެ.