ޚަބަރު

ވަރަށް އަވަހަށް މާލޭގެ ބޯހިޔާވަހިކަމުގެ "ބިޔަ" މަޝްރޫއެއް ފެށޭނެ: ރައީސް

އަހުމަދު ޖައިޝަން

ވަރަށް އަވަހަށް މާލޭގެ ބޯހިޔާވަހިކަމުގެ "ބިޔަ" މަޝްރޫއެއް އިއުލާނު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު އުތުރު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އެ ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލެ ބަދަލުކޮށް މާލޭގެ ތަރައްގީއަށް ޓަކައި ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ.

އެގޮތުން މާލޭގެ ޓްރެފިކްގެ މައްސަލަ އާއި އާބާދީގެ ތޮށްޖެހުމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިޝާރާތްކުރެއްވިއެވެ.

"އެބަ ޖެހޭ ބޮޑެތި ބަދަލުތަކެއް ގެންނަން. ޓްރެފިކްގެ މައްސަލަ އެހާ ބޮޑު. އެކަމާ ގުޅިގެން ހުރިހާ ވައްތަރެއްގެ ބަލިތަކާއި ނޭދެވޭ ހުރިހާ ކަމެއް މުޖުތަމައުގެ ތެރޭގައި އެބައޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން މާލެއަކީ ރައްކާތެރި ސާފު ތަނަކަށް ހެދުމަށް ވައުދުވެވަޑައިނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މާލެ އަކީ މުޖުތަމައެއްގައި ދިރިއުޅުމަށް ކަމު ނުދާނެ ހުރިހާ ސިފަތަކެއް އެކުލެވިފައިވާ ތަނެއް ކަމަށެވެ.