ރާއްޖޭގެ ސިޔާސީ ހާލަތާ ގުޅޭގޮތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް މަޝްވަރާކުރައްވައިފި އެވެ.
ރައީސް ނަޝީދާއި މިނިސްޓަރު ސުޝްމާ ވަނީ ރާއްޖޭގައި މިއަދު ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ ދާއިރާގައި ދިގު މުއްދަތަކަށް ހަމަޖެހުން ދެމިއޮންނާނެ ގޮތްތަކާ މެދުވެސް ވާހަކަދެކެވި މަޝްވަރާކުރައްވާފައިވެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު ސުޝްމާ ވަނީ ރާއްޖެއަށް އިންޑިއާގެ ފަރާތުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަކަށް ރާއްޖެ ވަޑައިގަތުމަށްފަހު މިނިސްޓަރު ސުޝްމާ އިންޑިއާއަށް ފުރާވަޑައިގެންފައިވަނީ މިއަދެވެ.