ރައީސް ޔާމީން

ރައީސް ޔާމީން މައްސަލަ ހުށަހެޅުއްވީ ހިޔާލީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް: ހިސާން

ރިޔާސީ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ހިޔާލީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހިސާން ވިދާޅުވީ އެ މައްސަލަތަކަކީ މައިގައިޑު ގޮތެއްގައި އެއްވެސް އަސާސެއްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަތަކެއް ނޫންކަން މައްސަލައަށް ތަދައްހުލްވި ފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށެވެ.

"ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި މައްސަލައިގައި ދެލިފޮހެވޭ އަނގޮޓިއެއް، ހޫނުވުމުގެ ސަބަބުން ފުހެވޭ ވޯޓު ކަރުދާސްތަކެއްގެ ވާހަކަތަކެއް ކަމަށްވެސް އޮވޭ. އެއީ ކޮންސްޕިރެސީ ތިއަރީތަކެއް. އެއްވެސް ހެއްކެއް އަދި ގަރީނާއެއް ނެތްކަން ވެސް ފާހަގަކުރިން،" އޭނާ ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އިންތިހާބުގެ މައްސަލައާ ގުޅޭގޮތުން ކުރިން ސުޕްރީމް ކޯޓުން ގައިޑްލައިނެއް ނެރެފައިވާ ކަމަށާއި އެއާ ހިލާފަށް އެއްވެސް ހެއްކެއް ހުށަހެޅިފައިނުވާކަން މައްސަލައަށް ތަދައްހުލްވި ފަރާތްތަކުން ފާހަގަކުރި ކަމަށެވެ. އަދި އެހެންކަމުން އެ އިންތިހާބު ބާތިލްނުކުރެވޭނެ ކަން ވެސް ފާހަގަކޮށްފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ފަރާތުން ދައުވާގައި އެދުނު ސިއްރު ހެކި ހުށަހެޅުމަށް. ސިއްރު ހެކި ހުށަނޭއްޅުވޭނެ ކަމަށް އަޅުގަނޑުމެން ދެންނެވިން،" އޭނާ ވިދާޅުވިއެވެ.

ހިސާން އިތުރަށް ވިދާޅުވީ ސިއްރު ހެކި ހުށަހެޅުމާ ގޮތުން ސުޕްރީމް ކޯޓުގެ ބެންޗުން އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ. އަދި ގާނޫނު ބުނާގޮތުން އިންތިހާބު ބާތިލްކުރެވޭނީ ނަތީޖާއަށް އަސަރުފޯރާ ފަދަ ކަންތައްތަކެއް ހުރިކަން ސާބިތުވެގެން ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ. އެ މައްސަލަ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30 ބާއްވާގޮތަށެވެ.