މާލޭ ގެއެއްގެ ތެރޭގައި އާއިލީ ހަމަނުޖެހުމެއްގައި ބޭބެއަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ކޮއްކޮ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަން ހާމަވެއްޖެއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، ހ. އަލަވަލުގެ، ލަމްހާ ނަސީރު، 25. އެވެ. ފުލުހުން ލަމްހާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން އޭނާއަށް ކުރަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތެވެ.
ފުލުހުން މިއަދު ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ލަމްހާގެ ބަންދު އަމުރުގައިވާ ގޮތުން ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު ހެދި މަސްތުވާތަކެތީގެ ޓެސްޓުގައި އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ލަމްހާ ޕޮޒިޓިވްވެފައިވަނީ މަސްތުވާތަކެތީގެ ކޮން ބާތަކަށްކަން ކޯޓު އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ލަމްހާ މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބުނީ ލަމްހާ ބަންދުކުރަން ނިންމީ އޭނާއަށް ތުހުމަތުކުރާ ކުށް އޭނާ ކުރިކަމަށް ކޮންމެވެސް ވަރަކަށް ފުލުހުންގެ ފަރާތުން ހެކި ހުށަހަޅާފައިވާތީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫ އަރާފާނެތީ ކަމަށެވެ.
ފުލުހުން ލަމްހާ ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ހާދިސާ ރިޕޯޓާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހިމެނެއެވެ.
ފުލުހުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ހެންވޭރު ގެއެއްގެ ތެރޭގައި ދެ މީހެއްގެ މެދުގައި ހިންގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތެއް އިއްޔެ މެންދުރު 12:21 ގައި ލިބިފައިވާ ކަމަށެވެ. އަދި އެއީ އާއިލީ މައްސަލައެއްގެ ތެރެއިން ހިނގި މައްސަލައެއްކަން އެނގިފައިވާ ކަމަށް ވެސް ބުންޏެވެ.
އެ މާރާމާރީގައި ޒަހަމްވި މީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި އޭރު ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މާރާމާރީގައި އަނިޔާވެފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ލިބިފައިވާ ޒަހަމްގެ ތަފުސީލެއް ނުލިބެއެވެ.