ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުގައި ވޯޓް ނުވިއްކުމަށާއި އެކަން ކޮށްފިނަމަ ފަހުން ރޯން ޖެހިދާނެ ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު އަލީ ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އަޚުލާގު ރަގަޅު، ދީންވެރި ގާބިލު މީހުން މަޖިލީހަށް އިންތިޚާބު ކުރުމަށް ގޮވައިލައްވާފައެވެ.
އޭނާގެ ޓުވީޓު ގައި ވަނީ އަހުލާގު ރަގަޅު ކަމުގައި ވިޔަސް ދީންވެރިކަމެއް ނެތް މީހުންނަށް ވޯޓް ނުދިނުމަށް ގޮވައިލައްވާފައެވެ.
''ފަރުޟު ފަސް ނަމާދު ކުރޭތޯ ބައްލަވާ. އިސްލާމް ދީނަށް ކަމޭހިތާތޯ ބައްލަވާ. އަމާނާތްތެރިއެއްތޯ ބައްލަވާ. ވޯޓް ނުވިއްކަވާ. ނޫނީ ފަހުން ރޯންޖެހިދާނެ.'' ޒައިދުގެ ޓުވީޓުގައި ވެއެވެ.
މީގެކުރިންވެސް ޝައިޚު ޒައިދުވަނީ ވޯޓް ނުވިއްކުމަށް މީސް މީޑިއާގައި ގޮވައިލައްވާފައެވެ.
އެގޮތުން ވޯޓަކީ އަމާނާތެއް ކަމަށާއި އެކަމާ މެދު ﷲގެ ހަޟުރަތުގައި ސުވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވެފައިވަނީ ދީނަށް އިހްތިރާމް ކުރާ އިހުލާސްތެރި، ތެދުވެރި، މަޖިލީހަކަށް ރައްޔިތުންގެ މަޖިލިސް ހަދަން ޖެހޭ ކަމަށާއި ވޯޓު ވިއްކުމަކީ ހުއްދަކަމެއް ނޫން ކަމަށެވެ.