ޚަބަރު

އިތުބާރުނެތްކަމަށް ފާސްކުރުމުން މަގާމު ގެއްލޭގޮތަށް ގަވައިދަށް ހުށަހެޅި އިސްލާހަށް ސުޕްރީމްކޯޓުގެ ލަފާހޯދަނީ

އިބްރާހިމް ޒަކީ

ސަރުކާރުގެ ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުރުން ކޯޓުތަކުގެ ފަނޑިޔާރުންގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސްކޮށްފިނަމަ، އެބޭފުޅުން ވަގުތުން މަގާމުން ވަކިވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް އުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ނިންމައިފިއެވެ.

މަޖިލީހުގެ އާއްމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެނައި އެ އިސްލާހަށް ވޯޓަށް އެހުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޮތީ އެޖެންޑާވެސް ކޮށްފައެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، އެ އިސްލާހަށް، ކުރިއަށްގެންދިޔަ ބަހުސްގައި މެންބަރުން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޕާޓީތަކުގެ ޕާލިމެންޓްރީ ގުރޫޕުތަކުގެ ލީޑަރުންގެ މެދުގައި ވާހަކަދެއްކެވުމަށްފަހު، ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން، އެ އިސްލާހަށް މިއަދު ވޯޓަށް ނާހަން ނިންމެވީކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މި އިސްލާހު ގެނައީ މީގެ ދެ އަހަރު ކުރިން އިމްޕީޗްމަންޓާ ބެހޭގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ ކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓުތަ ކަކީ އެކަށީގެންވާ ސަބަބުތަކަކަށް ބިނާވެފައިވާ އިމްޕީޗްމެންޓަކަށް ވާންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެގޮތަށް މަޖިލީހުން ފާސް ކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އެ ހުކުމުގައި ކަނޑައެޅި އެ އުސޫލުތަކަށް މަޖިލީހުން ތަަބާވާން ޖެހޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.

ނަމަވެސް އާއްމު ކޮމިޓީ މަޖިލީހުގެ ގަވާއިދަށް މި ގެނައި އިސްލާހާ ގުޅިގެން މެންބަރުންގެ މެދުގައި ވަނީ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި އިތުބާރު ނެތްކަމުގެ ވޯޓިގެ މައްސަލައގަިއ ފަހުގެ ނިންމުން ނިިންމާނީ ސުޕްރީމް ކޯޓުން ކަމަސް ހުކުމްގަިއ އޮތް ނަމަވެސް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކުރާާ ވަގުތުން ފެށީގެން އެ މީހެއްގެ މަގާމު ގެއްލޭނެ ކަމަށެވެ.

މަޖިލިހުގެ ގަވައިދަށް މި އިސްލާހް ގެންނަން ހުށަހަޅާފައި މިފަނީ، އިދިކޮޅު ފަރާތްތަކުން މި ސަރުކާރުގެ ޑިފެންސް މިނިސްތަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.

މަޖިލީހުގެ ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ، މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރިއަށްދާތީ މާރިޔާގެ އިތުމާރުނެތްކަމުގެ މައްސަލަ މަޑުޖައްސައިލީ ކަމަށެވެ.