ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

މުޣުނީއަށް ތާއީދު ނުކުރަން އެމްޑީޕީން ނިންމުމުން މައުމޫން މަރުހަބާ ވިދާޅުވެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަބްދުލްމުޣުނީ އަށް ކުރި ތާއީދު، އެމްޑީޕީން އަނބުރާ ގެންދިއުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މުޣުނީ އަށް ކުރި ތާއީދު އަނބުރާ ގެންދިޔައީ އޭނާގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތެއް ކުރެވިގެން ކަމަށް އެޕާޓީން މިއަދު ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު މިއަދު ވިދާޅުވީ މުޣުނީ އަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާކަމަށާއި އޭނާގެ ކެމްޕެއިންގައި ރައީސް ސޯލިހު ވެސް އަދި ރައީސް ނަޝީދުގެ އިތުރުން ޕާޓީގެ އިސް ބޭފުޅަކުވެސް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.

އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ މީހެއްގެ ކެމްޕެއިނެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވޭނަމަ އެފަދަކަމެއް މީގެފަހުން ނުކުރުމަށް އެއްބަސްވެ، އެކަމަށް އެމީހަކު އަމިއްލައަށް މާފަށް އެދުމަށް ގޮވައިލައްވައިފައެވެ.

އެމްޑީޕީގެ އެނިންމުމާއި ގުޅިގެން ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ގެވެށި އަނިޔާގެ ސީރިއަސް މައްސަލައަކާއި ގުޅިގެން، އެމްޑީޕީގެ ޓިކެޓުގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރާ އަބްދުލް މުޣުނީއަށް އެމްޑީޕީން ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާތީ ސާބަސް ދޭ ކަމަށެވެ. އަދި އެއީ އެމްޑީޕީން ނިންމި ވަރަށް ރަނގަޅު ނިންމުމެއް ކަމަށްވެސް މައުމޫން ވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ އެނިންމުމާއި ގުޅިގެން މުޣުނީ ބައެއް މީޑިއާތަކުގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ އެމްޑީޕީ ފަދަ ހަރުދަނާ ޕާޓީއަކުން އެއްވެސް ސުވާލެއް ކުރުމަކާ ނުލައި އެފަދަ ނިންމުމެއް ނިންމުމުން ހިތާމަކުރައްވާ ކަމަށެވެ.

އަދި އޭނާގެ މައްޗަށް ތުހުމަތުކުރާ އެފަދަ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާއެއްވެސް ކޮށްފައި ނުވާކަމަށާއި ތަހުގީގީ އިދާރާއަކަށްވެސް ހާޒިރު ނުކުރާ ކަމަށް މުޣުނީ ވިދާޅުވެފައިވެއެވެ. ނަމަވެސް އޭނާ ނަން އަނބުރާ ނުނަގާނެ ކަމަށާއި ގޮނޑިވެސް ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވިއެވެ.

މުޣުނީގެ މައްޗަށް އެފަދަ ތުހުމަތެއް ކޮށްފައިވަނީ އޭނާ މީގެ އެގާރަ އަހަރު ކުރިން ކައިވެނިކޮށްގެން އުޅުނު، ކުރީގެ އަނބިމީހާ އަށް އަނިޔާކުރި ކަމަށް ބުނެ، މީސްމީޑިއާގައި ބަޔަކު ދެއްކި ވާހަކައަކާއި ގުޅިގެންނެވެ.