ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ސުޝްމާ ސުވަރާޖް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކޮށްލެއްވުމުގައި ދެބޭފުޅުންވެސް ވަނީ ރާއްޖޭއާއި އިންޑިޔާގެ ޒަމާންވީ ގާތް ގުޅުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވައި، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ދެ ގައުމުން އިސްކަން ދޭ ކަންކަމުގައި އެކީގައި ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.
އެކަމަނާ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.
އެކަމަނާގެ އަރިހުގައި އިންޑިޔާ ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފްދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
އަދި، މި ވަފްދުގެ ބޭފުޅުން ވަނީ ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ވެސް ބައްދަލުކުރައްވައި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާމެދު މަޝްވަރާކުރައްވާފައެވެ.