މަދަނީ ޖަމްޢިއްޔާތަކުން މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ''ހަވަލި ފެއަރ'' އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިންގޮތުގައި މި ފެއާ އަކީ ހޯމް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން މާޗު މަހުގެ 16 އިން މިއަދުގެ ނިޔަލަށް ކުރިޔަށް ގެންދާ ފެއާ އެކެވެ.
މި ފެއާ އަކީ ވިޔަފާރި ތަކާއި މަދަނީ ޖަމްއިއްޔާތަށް ގުޅުވައިދިނުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ ފެއާއެއް ކަމަށާއި މި ފެއާގައި 100 އަށް ވުރެ ގިނަ ޖަމްއިއްޔާއިން ބައިވެރިވެފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މިމަހުގެ 16 ވަނަ ދުވަހު ހަވަލި ފެއާ ހުޅުވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.
ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވަނީ މަދަނީ މުޖްތަމައު ތަކަކީ ރައްޔިތުންގެ މަޖިލިހާއި ސަރުކާރާއި އަދި ޖުޑިޝަރީއަށް ވުރެ ވެސް މުހިންމު ތަނެއް ކަމަށެވެ.
އަދި މަދަނީ ޖަމިއްޔާތަކަކީ ޑިމޮކްރަސީ ހިންގުމުގަ އާއި އާންމުންގެ އިހްސާސްތައް ސަރުކާރަށް އެންގުމުގައި ވަރަށް ބޮޑު އަދި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އަދި މި ސަރުކާރުން ޖަމިއްޔާތަކަށް އެއްބާރުލުން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މި ފެއާގައި 104 ޖަމިއްޔާ އަކުން ބައިވެރިވެއެވެ.