ސުޕާރީ ޕެކެޓާއި ކުދި ފެންފުޅި ހިމެނޭހެން ޕްލާސްޓިކްގެ ދިހަ ބާވަތެއް އެތެރެކޮށް ވިއްކުން މަނާކޮށްފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ، ކުނި މެނޭޖުކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން، ރާއްޖެއަށް އެތެރެކުރުމަށާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް ޔޫޒް ޕްލާސްޓިކް ބާވަތްތަކުގެ ލިސްޓު އެކި މަރުހަލާތަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިހުތިޔާރު އެމަނިކުފާނަށް ލިބިވަޑައިގެންވާ ކަމަށެވެ.
އެހެންކަމުން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ތެރެއިން ގަރާރުގައި ހިމަނާފައިވާ 13 ބާވަތުގެ ތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒަރަށް ނެރުމަކީ މަނާ ކަމެއް ކަމަށް ރައީސް ވަނީ ކަނޑައަޅުއްވައިފައެވެ.
ރާއްޖެއަށް ޕްލާސްޓިކް އެތެރެކުރުމުގެ ގާނޫނު ރައީސް އިބްރާހީމް ތަސްދީގުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
އެ ގާނޫނަށް އަލަށް ގެނައި އިސްލާހުގައި ވަނީ، އެ ގާނޫނުގެ އަށް ވަނަ މާއްދާގެ ފަހަތަށް، "ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވުން" މި ނަމުގައި ސަބް ހެޑިންއެއް ހިމަނައި (8.1) ގޮތުގައި އަކުރެއް އިތުރު ކުރުމަށެވެ.
އިތުރުކުރި އެ އަކުރުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސް ކަނޑައަޅުއްވައި ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް، ރާއްޖެއަށް އިމްޕޯޓުކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ.