ޓެކްސް ނިޒާމަށް ގެންނަ ބަދަލުތަށް އަންނަ ހަފްތާތެރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހާޅާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެސްއެމްއީ ބޭންކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއަދު ރާއްޖޭގެ ޓެކްސްގެ ނިޒާމު މާނަކުރެވިފައިވާ ގޮތަކީ ރާއްޖޭގެ ހުރިހާ ވިޔަފާރިއަށްވެސް ދިމާވާ ބޮޑު މައްސަލައެއް ކަމަށެވެ. ފިނޭންސް މިނިސްޓްރީ، ރައީސް އޮފީސް އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެކުލަވާލާފައިވާ ކޮމިޓީއަކުން މިހާރުވެސް ވަގުތުން ވަގުތަށް ޓެކްސްގެ ނިޒާމަށް ގެނެވެން ހުރި ބަދަލުތައް ދިރާސާ ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މި ކޮމިޓީއިން ދުރު މުސްތަގުބަލްގައި ޓެކްސް ނެގުމުގެ ނިޒާމަށް ގެންނަންޖެހޭ ބަދދަލުތައްވެސް ދިރާސާ ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ކޮމިޓީ އިން ދިރާސާ ކުރާ ބަދަލުތައް އަންނަ ހަފްތާތެރޭ ރައީސް ސޯލިހަށް ހުށަހަޅާނެ ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ. މި ބަދަލާއެކު މުޅި ވިޔަފާރީގެ ސިނާއަތަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެކަމަށް ގަބޫލް ކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ވިޔަފާރަވެރިންނަށް މި ލިބިގެންދާ ފުރުސަތުގެ ބޭނުން ޒިންމާދާރު ކަމާއެކު އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް އިލްތިމާސް ކުުރައްވާފައެވެ.