ވެމްކޯ

ބިލަށް ފައިސާ ނުދައްކައިގެން ހިދުމަތް ކަނޑާލުމުން އަލުން ކުނި އުކައިދޭނެ އުސޫލެއް ވެމްކޯއިން އެކުލަވައިލައިފި

ބިލަށް ފައިސާ ނުދެއްކުމުގެ ސަބަބުން ވެމްކޯގެ ހިދުމަތް މެދުކެނޑިފައިވާ ފަރާތްތަކަށް އަލުން ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ އުސޫލެއް އެކުލަވައިލައިފިއެވެ.

ވެމްކޯއިން މިއަދު ބުނީ އެކުންފުނިން މާލޭގެ ގޭބީސީ ތަކާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުން އަންނަ ކުނި ނެގުމުގެ ހިދުމަތުގެ ބިލަށް ފައިސާ ނުދައްކާ ފަރާތްތަކަށް، ވަގުތީގޮތުން ޚިދުމަތް މެދު ކަނޑާލަމުން ގެންދާ ކަމަށެވެ.

ނަމަވެސް ޚިދުމަތް މެދުކަނޑާލާފައިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެވެސް ހެނދުނު 11:00ގެ ކުރިން ބިލަށް ފައިސާ ދައްކައިފިނަމަ، އެދުވަހެއްގެ މެންދުރުފަހު 15:00އިން ފެށިގެން، އަލުން ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

އަދި 11:00ގެ ފަހުން ބިލަށް ފައިސާ ދައްކާ ފަރާތް ތަކަށް، ޖެހިގެން އަންނަ ދުވަހުގެ 15:00ގެ ފަހުން ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ބުނެފައިވެއެވެ.

ގޭބިސީތަކުގެ ކުނި ނެގުމުގެ ޚިދުމަތަށް ފައިސާ ދެއްކުމަށް ވެމްކޯއިން ތަފާތު ހިދުމަތްތަކެއް ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ފަސޭހަކަމާ އެކު ބިލްތަކަށް ފައިސާ ދެއްކުމަށް, ވެމްކޯގެ ކަސްޓަމާ ފްރަންޓް އޮފީހަށް ފައިސާ ދެއްކޭނެ ގޮތް ވަނީ ހަމަޖައްސައިދީފައެވެ.

އަދި ވެމްކޯގެ ވެބްސައިޓް avaspay.veshifaara.com މެދުވެރިކޮށް، އޮންލައިންކޮށްވެސް ފައިސާ ދެއްކޭނެއެވެ.

މީގެ އިތުރުން ވެސް ވެމްކޯގެ ތަރޑް ޕާޓީ ޕޭމަންޓް އައުޓްލެޓްތަކަށް ގޮސް، ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.