ޚަބަރު

އަތުގަ ހިފައިގެން ވިޔަފާރިތައް ނަގަން މިއުޅެނީ، ހުރިހާ ވިޔަފާރިތައް އެއްވުމުން ގައުމު ކުރިއަށް ދާނެތީ: ފައްޔާޒް

މަރިޔަމް ޝަހުދާ

ސަރުކާރުން އަތުގަ ހިފައިގެން ވިޔަފާރިތައް ނަގަން މިއުޅެނީ، ހުރިހާ ވިޔަފާރިތައް އެއްވުމުން ގައުމު ކުރިއަށް ދާނެތީ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލޮޕްމަޓް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައި ވަނީ އެސްއެމްއީ ބޭންކް ހުޅުވުމަށް ފަހު މިއަދު ނެޝަނަލް އާޓް ގެލެރީގައި ކުރިއަށް ދިޔަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޒް ވިދާޅުވިގޮތުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ކުދި ވިޔަފާރިތަކަށް ފަންނީ ލަފާ ދިނުމުގެ އިތުރުން ލޯނު ދައްކަން ދަތިވުމުން އެހީ ފޯރުކޮށްދިނުމާއި، އެ ކުންފުންޏަށް ވިޔަފާރިން ހިއްސާ ލިބޭގޮތަށް ވިޔަފާރިތަކަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

އެ ގޮތުން އަމާޒަކީ ރަނގަޅު ޕްރޮޖެކްޓްތަކާއެކު އަންނަ ވިޔަފާރިތައް ފެއިލްވެގެން ނުދިއުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބޭނުމަކީ ވިޔަފާރިތައް އަމިއްލަ ޒާތުގައި ބޮޑުވެ އިންޑިޕެންޑަންޓްވުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

''ބައެއް ބޭފުޅުން އައްސަވާފާނެ ކީއްވެބާއޭ އަތުގަ ހިފައިގެން ވިޔަފާރިއެއް ނަގަން ތިއުޅެނީ. ޖަވާބަކީ، މިހުރިހާ ކުދި ކުދި ވިޔަފާރިތަކެއް އެއްވެގެންނޭ މި ގައުމު ކުރިއަށް މިދަނީ. އެންވެ ސަރުކާރެއްގެ ހައިސިއްޔަތުން އެފަދަ ވިޔަފާރިތަކަށް ފަސޭހަ ކޮށްދީ ކުރިއަރުވާ ދިރުވުމަކީ އަޅުގަނޑުމެންގެ އިގްތިސާދު ކުރިއަރައިގެން ގޮސް އަޅުގަނޑުމެންގެ ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ ކަމެއްކަމުގައި އަޅުގަނޑުމެން އެއްވެސް ޝައްކެއް ނުކުރަން.''

މީގެ އިތުރުން ވަރަށް އަވަހަށް އެސްއެމްއީ ޕޮލިސީ އިއުލާނުކުރެވިގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޕޮލިސީއާއެކު ވަކި ކްރައިޓީރިއާތަކެއް ކަނޑައެޅިގެން ދިއުމުން ސަރުކާރުގެ އެކި ޕްރޮޖެކްޓްތަކުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބައިވެރިވެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.