ޚަބަރު

އަލިފާނުގެ ހާދިސާގައި ގެއްލުނު މީހާ ހޯދަމުން ދަނިކޮށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ

މުހައްމަދު އިޝާން

1

ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ގުޅިފަޅުގައި ހަދާފައިވާ އެކޮމޮޑޭޝަން ބްލޮކުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތަނުގައި ދިރިއުޅުނު މީހަކު މަދުވެގެން، އެމީހާ ހޯދަމުން ދަނިކޮށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ، އެ ހާދިސާއަށްފަހު އެތަނުގައި ދިރިއުޅުނު މީހަކު މަދުވާކަން އެތަނުގައި ދިރިއުޅުނު ފަރާތްތަކުން ފާހަގަކުރުމާ ގުޅިގެން އެމީހާ ހޯދުމަށް ކުރެވުނު މަސައްކަތުން މިއަދު އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށެވެ.

ފެނިފައިވަނީ އިންސާނެއްގެ ހަށިގަނޑުގެ ބައި ތަކެއްތޯއާއި ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރުކުރުމަށް ކުރަންޖެހޭ ތަހުލީލުތައް ކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބުރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން އިއްޔެ "ވަން" އަށް ވިދާޅުވެފައިވަނީ އަލިފާނުގެ ހާދިސާއަށްފަހު އެކޮމޮޑޭޝަން ބްލޮކުގައި އުޅުނު މީހުންގެ ތެރެއިން އެކަކު މަދުކަން އެފްކޮންސް ކުންފުނިން އަންގާފައިވާ ކަމަށެވެ. އެއީ އިންޑިއާ މީހެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ފަހުން އެފްކޮންސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގެއްލިގެން އުޅޭ މީހާ ހޯދުމަށް ސަލާމަތީ އިދާރާތަކުން ކުރި މަސައްކަތް ނިންމާލާފައިވާ ކަމަށާއި އެތަނުން މީހެއްގެ ހަށިގަނޑު ފެނިފައިނުވާ ކަމަށެވެ.

"އެމްއެންޑީއެފުން ވަނީ ސާޗް އޮޕަރޭޝަން ނިންމާލާފައި، މީހެއްގެ ހަށިގަނޑު ނުވަތަ ހަށިގަނޑުގެ ބައެއް ނުފެންނަކަން އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދީފައި،" އެފްކޮންސްއިން ބުނެފައިވެއެވެ.

އެފްކޮންސްއިން ބުނެފައިވަނީ އެކޮމޮޑޭޝަން ބްލޮކުގައި 457 މީހުން ދިރިއުޅެމުންދިޔަ ކަމަށެވެ. އޭގެ ތެރެއިން 78 މީހަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން 32 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ. ކުދިކުދި އަނިޔާ ލިބުނު 24 މީހަކުގެ ތެރެއިން ހަތަރު މީހަކު އޮޕަރޭޝަން ކޮށްފައިވާ ކަމަށާއި ބާކީ ތިބި މީހުން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެގޮތުން އެ މީހުންނަށް ބޭނުންވާ އަންނައުނާއި ސޫޓް ކޭހައި މޯބައިލް ފޯނުގެ އިތުރުން މާލީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ.

މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދީފައިވާނެ ކަމަށް ވެސް އެފްކޮންސްއިން ބުނެފައިވެއެވެ. މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެފްކޮންސްއިން އެންމެ ބޮޑަށް އިސްކަންދޭ ކަންތައް ކަމަށާއި މުވައްޒަފުންނަށް ދިމާވާ ހުރިހާކަމެއް ސީރިއަސް ގޮތެއްގައި ބަލައި ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އެފްކޮންސްއިން ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟