ސިނަމާލެ ބްރިޖް

ކާރަކުން ޖެހި ހައިވޭގައި ޖަހާފައި ހުރި ޑިވައިޑަރުތައް ހަލާކުވެއްޖެ

މާލެއިން ހުޅުމާލެއަށް ދިޔަ ކާރެއް ބުރިޖާ ގުޅުވައިދޭ ހައިވޭގައި ޖަހާފައިވާ ޑިވައިޑަރުތަކުގައި ޖެހި ޑިވައިޑަރުތައް ހަލާކުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު 11:34 ހާއިރު މާލެއިން ހުޅުމާލެއަށް ދަތުރުކުރި ޓެކްސީއެއް، ހައިވޭގެ ހަތަރު ވަނަ ލޭން ނިމޭ ހިސާބުގައި ޖަހާފައި ހުރި ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓް ވެފައިވާކަމަށެވެ.

އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާކަމަށާއި އެވަގުތު ކާރުގައި އިނީ ޑްރައިވަރު އެކަނި ކަމަށް ފުލުހުން ބުންޏެވެ. އަދި ޑްރައިވަރަކީ ޓެކްސީ ކުރުމުގެ ހުއްދައާއި ލައިސަންސް އޮތް މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބުރިޖާއި ހައިވޭގައި ހިނގާ އެކްސިޑެންޓްތައް ގިނަވެ މީހުންނަށް ބޮޑެތި ގެއްލުންތައް ވަމުންދާތީ، ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ބުރިޖާއި ހައިވޭގައި ހެލްމެޓް އަޅައިގެން ދުއްވުމަށް މަޖުބޫރުކޮށްފައެވެ.