ޚަބަރު

މަޖިލީހުގެ ތެރޭގައި ސަރުކާރަށް ބިރު ދައްކަން އުޅޭ ތަން ފެނިގެންދޭ : އަސްލަމް

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ސަރުކާރަށް ބިރުދެއްކުމަށާއި ސަރުކާރު ޕްރެޝަރަށް ގެނައުމަށް ރޭވިގެން ކަންކަން ހިނގަމުންދާ މަންޒަރު ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ މަޖިލިސް އިދާރާ ބޭރުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އަސްލަމް ވިދާޅުވީ އެ ކަންތައްތަކަކީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް އެނގިވަޑައިގެން ކުރިއަށްދާ ކަންތައްތަކަށް ވެދާނެ ކަމަށެވެ. ހަމަ އެކަންތައްތަކަކީ މަޖިލީހުގެ ރައީސަށް އެނގިވަޑައިންނުގަންނަވާ ކަންތައްތަކަށްވެސް ވެދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މި ފުރުސަތު ކޮންމެވެސް ވަރަކަށް ދެއްވަމުން ގެންދަވާ މަންޒަރު އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ. އެހެންކަމުން އަޅުގަނޑުމެންގެ ކަންބޮޑުވުން މިކަމުގައި އެބަވޭ،" އަސްލަމް ވިދާޅުވިއެވެ.

އަދި މަސައްކަތްތައް ކުރުމުގައި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ މެދުގައި މަޝްވަރާކޮށްގެން ކަންތައްތައް ނިމިގެންދިޔުމުގެ ޖާގަ ނުލިބޭ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.